English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންދޭ ގިނަ ޚިދުމަތްތައް މިއަދުން ފެށިގެން އައްޑޫގައި އަލަށް ހަދާފައިވާ އީކުއެޓޯރިއަލް ހޮސްޕިޓަލުން ދޭން ފަށައިފި އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެހޮސްޕިޓަލުން ބަލިމީހުން ބައްލަވަމުން ގެންދެވި ޑޮކްޓަރުންގެ ތެރެއިން ބައެއް ޑޮކްޓަރުން މިއަދުން ފެށިގެން ބައްލަވާނީ އާހޮސްޕިޓަލުގައި ކަމަށެވެ. އެއިޢުލާނުގައި ވާ ގޮތުން އާ ހޮސްޕިޓަލަށް ބަދަލު ކުރެވުނު ސެކްޝަން ތަކުގެ ތެރޭގައި ހަމުގެ ބަލިތަކާއި ދަތުގެ ބަލިތަކާއި ސްކޭން ކުރުމާއި ނަފްސާނީ ބަލިތަކާއި ކުޑަ ކުދިންގެ ބަލިތަކާއި ކަށީގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކުގެ އިތުރުން އޮޕަރޭޝަންތަކާއި ގުޅޭ ޚާއްސަ ފަރުވާއާއި ޢާއްމު ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ހިމެނެއެވެ.

މިއަދު އާ ހޮސްޕިޓަލަށް ބަދަލު ނުކުރާ ޚިދުމަތް ތަކުގެ ތެރޭގައި ލޮލުގެ ބަލިތަކާއި އެތެރެ ހަށީގެ ބަލިތައް ހިމެނެއެވެ. އޭގެ އިތުރުން ހަވީރު 4 ން ފެށިގެން ރޭގަނޑު 10 އަކާއި ހަމައަށް ޢާއްމު ބަލިތަކުގެ ފަރުވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލިބެން ހުންނާނެ ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ. އެހެންކަމުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ޢާއްމު ބަލިތަކުގެ ފަރުވާ ލިބޭނީ ހެނދުނު 8 ން ހަވީރު 4 އާއި ހަމައަށެވެ.

މިއަދަށް ފަހުވެސް އަވަސް ފަރުވާގެ ޚިދުމަތް ހަމަޖެހިފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެކަންޏެވެ. ހޮސްޕިޓަލުގެ އިޢުލާނުގައި ވާ ގޮތުން މެޑިކަލް ޗެކަޕް ހެއްދުން ހަމަޖެހިފައިވަނީ އާ ހޮސްޕިޓަލުގައެވެ.

އައްޑޫގައި ހެދި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ގެ ބައެއް ޚިދުމަތްތައް މިދިޔަ އަހަރުގެ ޑިސެމްބަރ 15 ގައި ފަށަން ނިންމި ނަމަވެސް ފަހުން ވަނީ އެދުވަހު ނުފަށާ ގޮތަށް ނިންމާފައެވެ. މިގޮތަށް އެތައް ފަހަރެއް ގެ މަތިން ހޮސްޕިޓަލް ހުޅުވަން ތާވަލް ކުރިނަމަވެސް މަސައްކަތް ނުނިމުމުގެ ސަބަބުން ހުޅުވާފައެއް ނުވެއެވެ.

 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) އުވާލަން ރައީސް އޮފީހުން މީގެ ކުރިންވަނީ ނިންމަވާފައެވެ.

އެޗްއާރުއެޗް އުވާލުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ.

އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެހޮސްޕިޓަލުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ވއަންގަވާ ކަމަށެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި ރާއްޖޭ ގެ އަތޮޅެއްގައި ހަދާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ޤާއިމް ކުރެވިފައިވާ ވަސީލަތްތަކުގެ ތެރޭގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްޙީ ހުރިހާ ވަސީލަތެއް ހިމެނިފައިވެއެވެ.. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއްގެ އިތުރުން،ގައިނީ ޑިޕާރޓްމަންޓެއް، ޒަމާނީ ފެންވަރަށް ހަދާފައިވާ އައިސީޔޫއަކާއި އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދާފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތާއި ލެބޯޓްރީ ޚިދުމަތްވެސް ހިތަދޫގައި ހުރި ހޮސްޕިޓަލުން ލިބޭގޮތަށް ހަދާފައިވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޕްރައިވެޓް ހަ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލްގެމަސައްކަތް އެއްކޮށް ނިމި ރަސްމީކޮށް ހުޅުވޭ އިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން މިތަނުގައި ހިދުމަތް ދިނުމަށް ތިބޭނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައި ވެއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.