މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
“އެޖެންޑާ 19 ރަށަށް” ކެމްޕޭނުގައި ހއ. ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން ޑިމޮކްރެޓިކް އުސޫލަކުން، އިންސާފުވެރިކަމާ އެކީގައި ކެންޑިޑޭޓުން ނެރެގެން އެމްޑީޕީ އާއި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކަށް ނާދެވޭނެކަމަށާއި އިދިކޮޅުގައި އެ ފެންވަރެއް ނެތް ކަމަށެވެ. އަދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ޕާޓީގެ ނިޒާމުވެސް ރަނގަޅަށް އޮޅުންނުފިލާ ކަމަށެވެ. “އިދިކޮޅު ފަރާތްތަކަށް ތިމަންނާމެން ދަންނަ ގާތްތިމާގެ މީހަކަށް ކެންޑިޑޭޓުކަން ދިނުން ނޫން ގޮތެއް ނެތް. ކެންޑިޑޭޓެއް ނެރުމަށް ހަދާނެ ގޮތެއް ވެސް އެ ފަރާތްތަކަށް ނޭނގޭ” ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހަގީގަތުގައިވެސް އިދިކޮޅުން ބައިވެރިވުމުގެ ބޭނުމެއް ނެތްކަމަށާއި މި އިންތިހާބުގައި ބައިވެރިވާންވީ ހަމައެކަނި އެމްޑީޕީކަމަށެވެ. “އަޅުގަނޑުމެންގެ ކަމެއް މިކަމަކީ، އަޅުގަނޑުމެން ކުރި ކަމެއް މިކަމަކީ. އެ ބޭފުޅުންނަކާ ވާ ބެހޭ ވެސް ކަމެއް ނޫން. ” ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން އިދިކޮޅު ފަރާތްތަކަށް ވޯޓު ނުދޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އިދިކޮޅު ފަރާތްތަކުން މިކަމާއި އެއްވެސް ވަރަަކަށް ބައްސަންވެސް ބޭނުންނުވާކަމަށެވެ.