English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވީއައިއޭއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ޙައްލުކޮށް ވީހާވެސް އަވަހަކަށް ކަރަންޓު އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

ނަމަވެސް ވީއައިއޭއިން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ވީއައިއޭ އިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިފައިވާއިރު، މިހާރުވެސް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަސިންޖަރުން އެބަތިއްބެވެ. ވީއައިއޭ އަކީ ރާއްޖޭގެ މައި އެއާޕޯޓަށް ވެފައި މިއަދަކީވެސް އެއާޕޯޓަށް ބާރުބޮޑު ދުވަހަކަށްވީއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތަށާއި ފަސިންޖަރުންނަށް ދަތިތަކާއި ކުރިމަތިވާނެކަމަށް ބެލެވެއެވެ.

ނިމިގެންދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް އެއާޕޯޓަށް ބާރުބޮޑުވި ވަގުތެއްގައި ކަރަންޓު ވަނީ ކެނޑިފަ އެވެ. ނަމަވެސް ބެކަޕް ޖެނެރޭޓަރެއް ބޭނުންކޮށްގެން އެފަހަރު ކަރަންޓުގެ މައްސަލަ ވަނީ ޙައްލުކޮށްފަ އެވެ.