ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި އައްޑޫސިޓީގައި އެންމެ ވާދަވެރި ކެމްޕެއިނެއް ކޮށް އެންމެ ގިނަ ބަޔަކު ނަތީޖާ ދެކެން ބޭނުންވާނެ މަގާމަކީ އައްޑޫގެ މޭޔަރުކަމުގެ މަގާމެވެ. އެ މަގާމަށް ވަރުގަދަ 3 ބޭފުޅުން ވާދަ ކުރައްވަވާއިރު އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ފާއިތުވި ދައުރުގެ ހިތަދޫ ދެކުނުދާއިރާގެ މެމްބަރެވެ. ދެވަނަ ބޭފުޅަކީ ލާމަރުކަޒީގާނޫނު އުފަންވީއްސުރެ އައްޑޫސިޓީގެ މޭޔަރުކަމުގެ ދައުރު އަދާކުރައްވަވަމުން ގެންދަވާ މިހާރުގެ ވެސް މޭޔަރެވެ. ތިންވަނަ ބޭފުޅަކީ އައްޑޫސިޓީގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ތިން ބޭފުޅުން ވެސް ގަބޫލު ކުރައްވަވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް އައި ބޮޑެތި ބަދަލު ތަކާއެކު އައްޑޫ ތަރައްގީގެ އާ އުސްމިން ތަކަކަށް ގެންދެވޭނެ ބޭފުޅަކީ އެއީ އެވެ. ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަމަކީ 3 ބޭފުޅުންގެ ތެރެއިން އެމްޑީޕީ ޕްރައިމަރީގައި ހޮވޭ ބޭފުޅަކު މާ ބޮޑު އުނދަގުލެއް ނެތި ރަސްމީ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރައްވަވާނެ ކަމެވެ.
އިންތިޚާބުގެ ފޯރި ގަދަވެފައިވާ މިދުވަސްކޮޅު ގިނަ ބަޔަކު ބުނަމުން ގެންދަނީ އައްޑޫސިޓީއަށް ބޭނުންވަނީ އާ ލީޑަރޝިޕެއް ކަމަށެވެ. މޭޔަރުކަމުގެ މަގާމަށް ގެންނަން ޖެހެނީ ރައްޔިތުންގެ ހައްގުގައި ޖެހިލުމެއްނެތި ވަކާލާތު ކޮށް އަޑުއުފުލޭނެ ކެރޭ ލީޑަރެއް ކަމަށެވެ. ހަމަ އެހެންމެ ފާއިތުވި ދައުރުގައި މަޖިލިހުގައި ވެސް އައްޑޫގެ ރައްޔިތުންނަށްޓަކައި ކެނޑިނޭޅީ ވަކާލާތުކޮށް އައްޑޫއަށް ހައްގު މިންވަރު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވެވި އަލީ ނިޒާރަކީ މި މަގާމަށް އެންމެ އެކަށޭނެ ގާބިލް ކެންޑިޑޭޓް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނިޒާރު އައްޑޫގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވަން ނިކުންނެވީ ވެސް ގިނަ ރައްޔިތުންތަކެއްގެ މި އެދުމާއެކުގައެވެ.
ނިޒާރު ފާހަގަކޮށްލެވެނީ ނިމިގެން ދިޔަ މަޖިލިހުގައި ވެސް އައްޑޫގެ ރައްޔިތުންގެ ހައްގުގައި އެންމެ ގަދައަށް އަޑުއުފުއްލެވި މެމްބަރުގެ ގޮތުގައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް އެކަށީގެންވާ ހައްލު ހޯދައި ދިނުމަށް މަޖިލިސް ތެރެއިންނާއި މަޖިލިހުގެ ބޭރުންވެސް މަސައްކަތް ކުރެއްވެވި ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައެވެ. މީގެ އިތުރުން އައްޑޫގެ ހާލަތު ކަމުނުދާ ކަމަށް ވިދާޅުވެ ނިޒާރުގެންދެވީ އަބަދުވެސް ވަކާލާތު ކުރައްވަވަމުންނެވެ. މަޖިލިހުގައި ބަހުސް ކުރެވުނު ހުރިހާ ބަޖެޓެއްގައި ބަހުސްކޮށް އައްޑޫގެ ހާލަތަށް ޓާގެޓްކޮށްގެން އައްޑޫ ބަހުރުވައިން ވެސް ނިޒާރުވަނީ މަޖިލިހުގެ ތަޅުމުގައި ފޯރިއާއި ޖޯޝާއެކު ބަހުސް ކުރައްވައި އައްޑޫގެ ހާލަތު ބަޔާންކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާފައެވެ. ނިޒާރުވިދާޅުވީ އޭރުގެ ސަރުކާރަކީ ކަންކަން ކުރުވުމުގެ ބަދަލުގައި ބާރު ދެމެހެއްޓުމަށް މަސައްކަތް ކުރި ސަރުކާރެއް ކަމުން އެފަދަ އެއްވެސް ކަމެއް ވާނެ ފުރުސަތު ލިބިފައިނެތް ނަމަވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި ކުރަން ޖެހުނު ހުރިހާ ކަމެއް ފަސްނުޖެހި ކުރެވުނު ކަން މަޖިލިހުގެ ޔައުމިއްޔާ ތަކަށް ބަލާލިކަމުގައި ވިޔަސް އެނގިގެން ދާނެ ކަމަށެވެ.
ނިޒާރު އެ ޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީގެ ސަރުކާރެއް މިހާރު އޮތްނަމަވެސް ސަރުކާރުން ކުރާ ބައެއްކަންތައް ތަކަށް ފާޅުގައި މިހާރުވެސް ނިޒާރު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
“އެއީ ޕާޓީއާއި ދެކޮޅު ވަނީ އެއްނޫން. މިއީ ހަމަ އެމްޑީޕީދެކެ ލޯބިވާ އެމްޑީޕީގެ މެމްބަރެއް. އެކަމަކު ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް ޚިޔާލު ތަފާތުވުން އުފެދޭ ކަމެއް ނަމަ އެކަމުގައި ޚިޔާލު ފާޅުކުރުމަކީ ގޯހެއް ކަމުގައެއް ނުދެކެވެ. އަޅުގަނޑަކީ ކޮންމެކަމެއް ވަރިހަމަ ކޮށްލައިގެން ހުންނާނެ މީހެއްނޫން. އެއްވެސް މީހެއްގެ ހައްގެއް ގެއްލޭނަމަ އެކަމުގައި އަބަދުވެސް ވަކާލާތު ކުރުމަށް ބޭނުންވޭ. އެއީ ތަބީއީ ގޮތުން ހުންނަކަމެއް.”
ނިޒާރު ވިދާޅުވީ މަޖިލިހުގައި މެމްބަރެއްގެ ގޮތުގައި ރައްޔިތުން ފޮނުވާ މެމްބަރަކީ މަޖިލިހުގައި ހުށަހެޅޭ ބިލް ތަކުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭ މީހަކަށް ވާން ޖެހޭނެކަމަށާއި އެގޮތުން ހުށަހެޅުނު ހުރިހާ މުހިއްމު ބިލަކަށް ވާނީ ވާހަކަ ދައްކާފައި ކަމަށެވެ. އަދި ހިތް ހަމަ ނުޖެހޭ ބިލްތަކާއި މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލާ އަދި ގާނޫނު ފުށުއަރާ ބިލް ތަކަށް ޖޯޝާއެކު ވަކާލާތު ކޮށްފައިވާނެ ކަމަށެވެ.
” އައްޑޫއަށް ތަފާތު ލީޑަރޝިޕެއް ބޭނުންވޭ. އިދާރީގޮތުން އައްޑޫ ހިންގާނެ އައު ލީޑާރޝިޕެއް އަންނަން އެބަޖެހޭ. އައްޑޫމޭޔަރު ކަމަށް ކުރިމަތިލުމުގެ ސަބަބަކީ އައްޑޫ ސިޓީ ހިނގަމުން އަންނަ ގޮތް ކަމުނުދާތީ ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް އެދޭ ރައްޔިތުންތަކެއް ތިބުމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް. ވޯޓު ދޭ މީހާގެ ގޮތުގައި ހުރެގެން ބޭނުންވާ ބަދަލުނުގެނެވޭނެތީ އަމިއްލަ އަށް ކުރިމަތިލާން ނިންމީ” ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އަދި އައްޑޫގެ ގިނަ ބަޔެއްގެ ރުހުން އޮތް ކަމަށް ގަބޫލު ކުރެވޭތީ ތަފާތު ވިސްނުމަކާއެކު އައްޑޫ ހިންގުމަށް ފުރުސަތުލިބިދާނެ ކަމަށް ގަބޫލު ކޮށް ނިޒާރު އައްޑޫގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތި ލައްވަވާއިރު އައްޑޫއާ ދެމެދު ވަރަށް ތަފާތު ވިސްނުން ތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރު ފުލް ޓައިމް ކޮށް އައްޑޫގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމަށް ހުސްވުމަކީ ނިޒާރުގެ ވައުދެކެވެ.
“މިއީ އެމްޑީޕީގެ ސަރުކާރެއް. އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭނެ. އެއީ ފައިސާގެ ގޮތުންވިޔަސް އަދި އެހެނިހެން ގޮތްގޮތުން ކަމުގައި ވިޔަސް އައްޑޫއަށް އެދެވޭ ތަރައްގީ ހޯދައި ދިނުމަށް މަސައްކަތް ކޮށްދޭނެ. ހަތަރުސަތޭކަ މިލިއަން ޑޮލަރުގެ ފައިނެންސް ސެކިޔޯ ވެފައި އެހެރީ އެހެންވީމާ އެފައިސާ އާއި ދައުލަތުން މި ލިބޭ ބޮޑު ބަޖެޓާ އެއްކޮށް ތަފާތު އައްޑޫއެއް ގެނެސްދެވޭނެ. މިކަމުގައި ވިސްނަން ޖެހެނީ ފާއިތުވި ތަނުގައި ކަންކަން ނުވެ އޮތުމުން އަލުން އެކަންކަން އިއާދަވާނެ ގޮތަކަށް ކަންކަން ކޮށްގެން އައްޑޫ ކުރިއަށް ނުގެންދެވޭނެ ކަމާމެދު. އައު މޭޔަރަކާއި އައު ކައުންސިލެއް އައިސްފިއްޔާ މިކަންތައްތައް ވެދާނެ ކަމަށް ގަބޫލުކުރެވެނީ” ނިޒާރު ދެކިލައްވާ ގޮތަކީ އެއީއެވެ.
ނިޒާރު ދެކިލައްވަވާ ގޮތުގައި އައްޑޫގައި ފުދުންތެރި އިގްތިޞާދެއް ނެތުމާއި އައްޑޫގެ އިކޮނޮމީ ރަނގަޅު ނުވެ އޮތްއޮތުން ބަދަލުކުރުމަކީ އެންމެ މުހިއްމު އެއްކަމެވެ. އައްޑޫއަށް ތަރައްގީ އައިސް އައްޑޫގައި މިހާރު ދިރިއުޅެމުން ދާ މީހުންށް ރަނގަޅު ގޮތްތަކެއް ގެނެވޭނީ މިފަދަ ބަދަލުތަކަކާއެކުގައި ކަމެވެ. ހަމައެއާއެކު އައްޑޫ ދޫކޮށް ހިޖުރަކުރި މީހުން ވެސް އެނބުރި އައްޑޫއަށް އަންނާނީ މިފަދަ އެދެވޭ ބަދަލެއް އައިސްގެން ކަމަށް ނިޒާރު ގަބޫލު ކުރައްވައެވެ.
“އައްޑޫ ރީޕްލޭން ވާންއެބަޖެހޭ. އައްޑޫއަކީ އެއްވެސް ޕްލޭނެއް ނެތި އޮތް ތަނެއް. ލާމަރުކަޒީ ވީފަހުން މިހާރުގެ މޭޔަރުގެ މޭޔަރު ކަމުގެ ދަށުން ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް އައްޑޫ ޕްލޭން ވެފައި އެއްނެތް. ރީޕްލޭން ވެފައެއްވެސް ނެތް. ކުރެވޭ ޕްލޭނަކީ މާސްޓަރ ޕްލޭނަކަށް ވާން އެބަޖެހޭ. އެ ޕްލޭނަކީ ބަދަލު ނުވެ އޭގެ ދަށުން އައްޑޫގެ ތަރައްގީ ގެންނަން ޖެހޭ ޕްލޭނަކަށް ވާން ޖެހޭ” ނިޒާރު ވިދާޅުވިއެވެ.
2020 ގެ ތަސައްވަރު ގެ ނަމުގައި އައްޑޫގައި ހެދުނު ކޮންސެޕްޓްގެ އެއްވެސް ކަމެއް އައްޑޫގައި ވެފައި ނެތް ކަން ފާހަގަކުރައްވަވަމުން ނޒާރު ވިދާޅުވީ މިހާރު މިތިބީ 2020 ގައި ކަމަށާއި އައްޑޫ ވިޜަން ގައި ހުރި އެއްވެސް ކަމެއް އިމްޕްލިމެންޓް ވެފައިވާތަން ނުފެންނަ ކަމަށެވެ.
” މިކަމުން އެނގެނީ އައްޑޫއަށް ބޭނުންވާކަން ރައްޔިތުންނާ މަޝްވަރާ ވެވޭ ޕްލޭނެއް. އައްޑޫ ވިޜަން އެއީ ކޮންސަލްޓެންސީ ފާމަކަށް ފައިސާ ދީގެން ތައްޔާރުކޮށްފައިވާ އެއްޗެއް. އެމީހުންނަށް ކިހިނެއް އެނގޭނީ އައްޑޫގެ ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން” ނިޒާރު ވިދާޅުވިއެވެ.
ނިޒާރުވެސް އަދި އައްޑޫގެ ގިނަ ރައްޔިތުންވެސް ގަބޫލުކުރާ ގޮތުގައި ފާއިތުވި ތަނުގައި އައްޑޫއަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ.
“އައްޑޫއަށް މިހާތަނަށް އައިސްފައިވާ ބަދަލަކީ ބަލާނެ ވާލެއް ޔާރެއް ނެތް ކުއްޖަކު އަމިއްލައަށް ބޮޑުވަމުން އަންނަ ބީދައިން އައްޑޫގައި ބަޔަކު ދިރިއުޅޭތީ ތަނަށް އައިސްފައި ހުރި ބަދަލެއް. އެއްވެސް މީހަކަށް ކްރެޑިޓް ނެގޭނެ ކަމެއްނެތް. ޕްލޭނެއް ވެގެން ޒަމާނާ ގުޅޭގޮތުން އައި ކުރިއެރުމެއް ނެތް. އެހެންކަމުން އައްޑޫގެ ރައްޔިތުން ބަލަންވީ އައްޑޫސިޓީގެ މޭޔަރަކަށް މިވަގުތަށް ބޭނުންވަނީ ކޮންބާވަތެއްގެ މީހެއްކަން. މިހާރުގެ ހާލަތުން އެހެން ހާލަތަކަށް އައްޑޫ ގެނެސްދޭނެ މީހަކީ ކޮބައިތޯ ބަލަންޖެހޭ. ތަޖުރިބާ ވާން ޖެހޭނީ ރަނގަޅު ތަޖުރިބާއަށް. އެއްތަނެއްގައި މާގިނަ ދުވަސް ވުމަކީ ރަނގަޅު ތަޖުރިބާއެއް ކަމުގައެއް ނުބެލެވޭނެ. ކުލާހެއްގައި ފާސްނުވެ 4 އަހަރުވަންދެން އެއްކުލާހެއްގައި ދަރިވަރަކު އިނުމަކީ ހެޔޮ ތަޖުރިބާ ކަމަށް ބެލިގެން ނުވާނެ. ރަނގަޅު ތަޖުރިބާގައި ކުރިއަށް ދެވެންވާނެ. އެހެން ބަލާކަމުގައި ވާނަމަ އައްޑޫ އޮތީ އޮތްތަނުގައި. އައްޑޫގައި އިންތިޚާބީ މަގާމުތަކެއްގައި ތިބި ބަޔަކަށް އައްޑޫ ތަރައްގީކޮށް ކުރިއަށް ނުގެންދެވި އޮތް އޮތުމަކީ ފާސްނުވާ ދަރިވަރަކު ކުލާހެއްގައި ރިޕީޓް ކުރުން ކަހަލަ ކަމެއްކަމަށް ވިސްނެނީ” އައްޑޫ ތަރައްގީ ނުވެ އޮތް ސަބަބާ މެދު ނިޒާރު ދެކޭގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ހަރުދަނާކަމާއެކު މަސައްކަތް ކުރައްވަވައި ޕާޓީއަށް ވަފާތެރި އިސް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަމުން ގެންދަވާ ނިޒާރު ބޭނުންވަނީ އެމްޑީޕީގެ ސަރުކާރުގައި އައްޑޫއަށް އެދެވޭ ހެޔޮ ބަދަލެއް ގެނެސްދިނުމަށެވެ. އައްޑޫއަށް ހައްގުމިންވަރު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށެވެ. ހެޔޮ ބަދަލަކާއެކު ހުރިހާ ގޮތަކުން އެދެވޭ އަދި ދެމެހެއްޓެނިވި ތަރައްގީއެއް އައްޑޫއަށް ހޯދައިދިނުމެވެ.