މާލޭ ދަމަނަ ވެށިން މީސްލްސް ނުވަތަ ހިމަބިހީގެ ވެކްސިން ޖަހައިދިނުމުގެ ޚިދުމަތް ފަށައިފި އެވެ.
ދަމަނަ ވެށިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.
އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ވެކްސިން ޖަހައިދެމުން ދާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ދަމަނަ ވެށިން ބުނީ ވެކްސިން ޖަހަން ވަޑައިގަންންވާއިރު، ކުއްޖާގެ އައިޑީގެ ކާޑުގެ އިތުރުން ވެކްސިން ފޮތް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ފޮތް ނެތް ކުދިންނަށްވެސް އައިޑީ ކާދު ގެނައުމުން ވެކްސިން ޖަހައިދެވޭނެ ކަމަށްވެސް ދަމަނަ ވެށިން ބުނެއެވެ.
މީގެ އިތުރުން، ވެކްސިން އަށް އަދި ވެކްސިން ޖެހުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، މީސްލްސް އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ހޮޓްލައިން ނަންބަރު 7377004 އަށް ގުޅުމަށްވެސް ދަމަނަ ވެށިން ވަނީ އެދިފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅިތާ ދޮޅު އަހަރު ދުވަސް ފަހުން ރާއްޖެއިން މިވަނީ އަނެއްކާވެސް ހިމަބިހި ފެނިފަ އެވެ.
ރާއްޖެއިން ނައްތާލެވުނު ހިމަބިހި އަލުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ކުޑަކުއްޖަކާއި، ބޮޑު މީހަކުވަނީ ހިމަ ބިއްސަށް ޕޮޒިޓްވެފައެވެ. އޭގެ ފަހުން ހިމަބިއްސަށް ޝައްކުވެގެން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ބުނީ އެކުއްޖާ ހިމަބިއްސަށް ނެގެޓިވް ކަމަށާއި، އެ ކުއްޖާ އަކީ ހިމަބިހީގެ ވެކްސިންވެސް ޖަހާފައިވާ ކުއްޖެއް ކަމަށެވެ.
ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.