English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން މިގޮތަށް އިއުލާން ކޮށްފައި މިވަނީ މިހާރު ހެލްތް މިނިސްޓްރީގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނު ކަމުގައި ވިޔަސް ވޯލްޑް ހެލްތް އޯގަނައިޒޭޝަން(ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުން އެކަމުގައި އަމަލުކުރަމުން ދަނީ “އައުޓްބްރޭކް”އެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓްރީން މިކަން އިއުލާން ކުރިއިރު ރާއްޖެއިން މިފަހުން ވަނީ ހިމަބިއްސަށް ޕޮޒިޓިވްވި ދެ ފަރާތަކަށް ފަރުވާދީފައެވެ. އެގޮތުން ފުރަތަމަ ފެނުނީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އޭގެ ފަހުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް މިބަލި ޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައި ވެއެވެ.

ހިމަބިހި ޖެހިފައިވާ އިތުރު ކުޑަ ކުއްޖަކަށް ފަރުވާދޭން ފަށައިފި

ހިމަ ބިއްސަކީ ވަރަށް އަވަހަށް ގައިން ގަޔަށް އަރާ ބައްޔެކެވެ. ވެކްސިން ނުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން މި ބަލި ގައިން ގަޔަށް އަރައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައިސް، ނޭފަތުން ފެންއައުމާއި، ލޯރަތްވުމުގެ އިތުރުން އަނގައިގެ ތެރޭގައި ހުދު ތިކިތައް ނެގުން ހިމެނެއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.

ޓެގު