English Edition
Dhivehi Edition
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ހިމަބިހި ޖެހިފައިވާ އިތުރު ކުޑަ ކުއްޖަކަށް ފަރުވާދޭން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އިން ފަށައިފިއެވެ. އައިޖީއެމްއެޗް އިން މިކަން އޮންލައިން ނޫސް ‘ސަން’ އަށް ކަށަވަރުކޮށްދީފައިވާކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ ހިމަބިހި ޖެހިގެން އެ ހޮސްޕިޓަލުން ފަރުވާހޯދަމުން ގެންދަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

17 އަހަރުގެ އެ ކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ ވަކިން ބާއްވައިގެން ކަމަށާއި އެ ކޭހުގެ މައުލޫމާތު އެ ހޮސްޕިޓަލަށް ލިބިފައި ވަނީ އިއްޔެ ހަވީރު ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވިއެވެ.

މިމަހުގެ 8 ވަނަ ދުވަހު 3 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިން ހިމަބިހި ފެނިފައިވާއިރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ވަނީ ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ހިމަ ބިއްސަށް ވެކްސިން ނުދިނުމުގެ ސަބަބުން ފަސޭހައިން މި ބަލި ގައިން ގަޔަށް އަރާއިރު މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައިސް، ނޭފަތުން ފެންއައުމާއި، ލޯރަތްވުމުގެ އިތުރުން އަނގައިގެ ތެރޭގައި ހުދު ތިކިތައް ނެގުން ހިމެނެއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.