English Edition
Dhivehi Edition
ހިމަ ބިހި

މާލެ ސަރަހައްދުން ހަފުތާއެއް ތެރޭ 22 މީހުންނަށް ހިމަބިހި ޖެހި، މި އަހަރުގެ މިހާތަނަށް ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި ފެނުނު ކޭސްތަކާއެކު މާލޭގައި ބަލި ފެތުރުން ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ހިމަބިހިން ރައްކާތެރިވުމަށް މި އަހަރުގެ މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ސިއްހީ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ދިނުމުގެ ހިދުމަތް ވަނީ ހަމަޖައްސައިފައެވެ.

އާބާދީގެ ނިސްބަތުން ދެކުނުއިރުމަތީ އޭޝިއާގައި ހިމަބިހި އެންމެ ބޮޑަށް ފެތުރޭ ގައުމަކަށް ރާއްޖެ ވެފައިވާއިރު، މި ބައްޔަށް ފަރުވާދެމުންދިޔަ ދިވެހި ޒުވާނަކުވެސް މި މަހުގެ 13 ވަނަ ދުވަހު ވަނީ މަރުވެފައެވެ. މީސްލްސް ވައިރަސްގެ ސަބަބުން ފެތުރޭ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

ޓެގު