ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިސަލް ވިދާޅުވުމާއި ގުޅިގެން، އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ، ޑރ. ޢާއިޝަތު ޢަލީ އެދިވަޑައިގެންފި އެވެ.
ޑރ. ފައިސަލް އިއްޔެ ކުރެއްވި ޓްވީޓަށް ރައްދުދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ފެތުރުމުން އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ކަމެއް ކަމަށެވެ.
When professionals insinuate such things fear and uncertainty tend to spread among the public. Would appreciate if the good doctor can share the information he has with us so that we can attend to it as soon as possible.
— Aishath Ali (@aisthly) January 13, 2020
އެހެންނަމަވެސް ވީހާވެސް އަވަހަކަށް އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބެލުމަށް، އެކަމާއި ގުޅޭގޮތުން ޑރ. ފައިސަލް އަށް އެނގިވަޑައިގެންފައިވާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަކީ ރަނގަޅު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދޮޅު އަހަރު ފަހުން ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން، ބޮޑު ބަންދަށްފަހު އިއްޔެ ސްކޫލްތައް ހުޅުވުމަކީ ރައްކާތެރިކަމެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވައި ކުރެއްވި ޓްވީޓެއްގައި ޑރ. ފައިސަލް ވިދާޅުވީ ސުކޫލަށް ވައްދަނީ ވެކްސިން ޖަހާ ހަމަކޮށްފައި ކަމަށާއި، ވެކްސިން ޖަހާފައި ތިބި ކުދިންނަށް އެކަމުގެ ނުރައްކަލެއް އަދި އެކުދީންގެ ސަބަބުން އެހެންމީހުންނަކަށްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
“މީގެ މައްސަލަޔަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ”، އެ ޓްވީޓްގައި ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
ނަމަވެސް އެއީ ކޮން ސްކޫލެއްކަން ޑރ. ފައިސަލް ހާމަކުރައްވާފައެއް ނުވި ނަމަވެސް، އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސްކޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ފައިސަލް ވަނީ މާލޭގައިވެސް އަދި އެހެން ރަށްރަށުގައިވެސް ވެކްސިން ނުޖަހާ ކުދިން ސްކޫލްތަކަށް “އަޑިއަޑިން” ވައްދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެއީ ކޮން ސްކޫލެއްތޯ ކަމާއި، އެގޮތަށް ކަމެއް ހިނގާކަން އެޑިޔުކޭޝަން މިނިސްޓްރީއަށް އެނގޭތޯ ސުވާލު އުފައްދަމުންނެވެ. އަދި އެ ސްކޫލާމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
އެކަމާއި ގުޅިގެން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ނުޖަހާ ސުކޫލަށް ވައްދާ ގިނަ ސުކޫލްތައް ދައުލަތަށް އެނގޭނެ ކަމަށާއި، މައްސަލައަކީ ފިޔަވަޅު އަޅަންވީމާ އަދުލު އިންސާފާއި ހަމަހަމަކަން ނެތުން ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާއިރު، އެޗްޕީއޭ އިން ބުނީ ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.
އެގޮތުން ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، މިބަލި ދެނެގެނެވެފައިވަނީ ރާއްޖޭގައި ޤާއިމުކޮށްފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. މި ނިޒާމުގެ ދަށުން، ހުން އައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވޭނެ ކަމަށާއި، އެގޮތުން 2019 ވަނަ އަހަރު 66 މީހަކު މީސްލްސް އަދި ރުބެއްލާއަށް ޓެސްޓުކުރެވުނު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އެޗްޕީއޭ އިން ވަނީ އެކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެކުއްޖާއާއެކު އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
މީގެ އިތުރުން މިއަދުވެސް ހިމަބިޖި ޖެހިގެން 17 އަހަރުގެ ފިރިހެން ކުއްޖަކު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.