ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލްގައި ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން ކުޅޭ ފުރަތަމަ މުބާރާތުގެ ތަށި ރިއާލުން ހޯދީ ރެއާލް އާއި އެންމެ ވާދަވެރި އެއް ކުލަބް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑް ޕެނަލްޓީގައި 4-1 ލަނޑުން ބަލިކޮށްގެންނެވެ.
ސީޒަން ހުޅުވުމުގެ ގޮތުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމް ވާދަކުރާ ގޮތަށް ކުރިން ކުޅެމުން އައި ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން ކުޅޭ ފުރަތަމަ މުބާރާތުގައި މިހާރު ވާދަކުރަނީ ރިއަލްމެޑްރިޑް،ބާސެލޯނާ،އެތުލެޓީކޯ މެޑްރިޑް އަދި ވެލެންސިޔާއެވެ.
ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ލީގުގެ ތިން ވަނަ ލިބުނު ނަމަވެސް މި މުބާރާތުން އެޓީމަށް ޖާގަ ލިބުނީ މުބާރާތުގައި ވާދަކުރާ ބާސެލޯނާ އަށް މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން ކަމުގެ އިތުރުން ކޮޕަ ޑެލްރޭގެ ފައިނަލްގައިވެސް ވާދަކޮށްފައިވުމުންނެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗް ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓްގެ ދެ ހާފްގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލް މެޑްރިޑުން ޖެހި ހަތަރު ޕެނަލްޓީވެސް ގޯލަށް ވައްދާލި އިރު އެތުލެޓިކޯ މެޑްރިޑުންޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީވީ ބޭކާރެވެ. އޭގެ ތެރެއިން އެއް ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތްއިރު އަނެއް ޕެނަލްޓީ ވަނީ ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކޮށްފައެވެ. ރެއާލް މެޑްރިޑަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.
މިއީ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ.މި ދެ ޓީމް 2004 ވަނަ އަހަރު ކުޅުނު މެޗު 2-1 ލަނޑުން ކާމިޔާބުކޮށްފައިވަނީ އެތުލެޓިކޯއިންނެވެ.