English Edition
Dhivehi Edition

ސްޕެނިޝް ސުޕަ ކަޕްގައި ރޭ ފަހަތުން އަރައި ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު މިމެޗް އެތުލެޓިކޯ މެޑްރިޑުން ކާމިުާބުކުރީކުރީ 2-3 ލަނޑުގެ ނަތީޖާއަކުންނެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމް ވާދަކުރާ ގޮތަށް ކުރިން ކުޅެމުން އައި ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުގައި މިހާރު ވާދަކުރަނީ ރިއަލްމެޑްރިޑް،ބާސެލޯނާ،އެތުލެޓީކޯ މެޑްރިޑް އަދި ވެލެންސިޔާއެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ލީގުގެ ތިން ވަނަ ލިބުނު ނަމަވެސް މި މުބާރާތުން އެޓީމަށް ޖާގަ ލިބުނީ މުބާރާތުގައި ވާދަކުރާ ބާސެލޯނާ އަށް މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން ކަމުގެ އިތުރުން ކޮޕަ ޑެލްރޭގެ ފައިނަލްގައިވެސް ވާދަކޮށްފައިވުމުންނެވެ.

ސުޕަ ކަޕުގެ ސެމީގައި ވާދަވެރި މިދެޓީމް ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުން ވެސް އެޓޭކިވް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މިހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ވަނީ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް 0-0 ލަނޑުން ނުމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީ ކޮޅު އެތުލެޓިކޯއިން ވަނީ ފަހު ހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޕެއިންގެ މިޑްފީލްޑަރ ކޯކޭ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

ކޯކޭގެ ލަނޑުން އެތުލެޓިކޯ ލީޑު ނެގިނަމަވެސް ބާސާއިން ވަނީ ފުލުފުލުގައި އެތުލެޓިކޯގެ ގޯލާއި ހަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ.ނަތީޖާއެއްގެ ގޮތުން އެތިލެޓިކޯ ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވިއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 6 ފަހަރު ހޯދާފައިވާ މެސީގެ މިލަނޑާއި އެކު ބާސާއިން މެޗު ކޮންޓުރޯލް ހޯދައި ގެން ކުޅެންފެށިއެވެ.މިގޮތުން ދެން ފެނުނީ މެޗްގެ 62 ވަނަ މިނެޓްގައި މި ސީޒަނަށް އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީޑް ހޯދައިދިން ތަނެވެ.

އެހެންނަމަވެސް އެތުލެޓިކޯ އިން ހިތްވަރު އެލުވައިނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 81 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އެއް ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ގޯލަކަށް ބަދަލުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުން މޮޅުވި ލަނޑު އެތުލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފޯވާޑް އެންހަލް ކޮރޭއާ އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ އެވެ.