English Edition
Dhivehi Edition
Soccer Football - Spanish Super Cup - Barcelona v Sevilla - Grand Stade de Tanger, Tangier, Morocco - August 12, 2018 Barcelona's Lionel Messi lifts the trophy as he celebrates winning the Spanish Super Cup with team mates REUTERS/Jon Nazca

ސެވިއްޔާ ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕް ބާސެލޯނާ އިން ތޭރަ ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ

މޮރޮކޯގެ ޓަންޖިޔާގައި ރޭ ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފަށައިގެން ނުވަނަ މިނެޓްގައި ސެވިއްޔާގެ ޕަބްލޯ ސަރާބިޔާ ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ސެވިއްޔާއަށް ހޯދައިދީފައެވެ.

ސެވިއްޔާގެ ލަނޑަށް ފަހު ބާސެލޯނާއިން ކުޅުން ރަނގަޅުކޮށް ސެވިއްޔާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ބާސެލޯނާގެ ވަރުގަދަ އެޓޭކިން ފޯސްއިން ސެވިއްޔާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވާ ގޮތް ނުވިނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެރާޑް ޕީކޭ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ފަށައިގެން މޮޅަށް ކުޅެފައިވަނީ ސެވިއްޔާއިންނެވެ. މި ގޮތުން ސެވިއްޔާގެ ވަޒްކުއޭޒް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި އޮސްމާނޭ ޑެމްބެލޭ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ.

މިއީ ބާސާ އިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތާއެކު ބާސާ އާއެކު މިހާތަނަށް އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާގެ ޝަރަފު އެ ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ލިބިގެން ގޮސްފައިވާއިރު މެސީ ވެފައިވަނީ ބާސެލޯނާގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވާ ކުޅުން ތެރިޔާއަށެވެ.

މެސީ މިރެކޯޑް 33 ތަށި ހޯދާއިގެން ހަދާފައިވާ އިރު ކުރިން މިރެކޯޑް އޮތީ ބާސާގެ ކުރީގެ ކެޕްޓަން އިނިއެސްޓާއަތުގައެވެ.