English Edition
Dhivehi Edition
ޖަރުމަނުގެ އެއާޕޯޓެއް

ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖަރމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ޖަރމަން-ޝެންގެން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް ފެބްރުއަރީ މަހުގެ 3 އިން 5 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި ކްލިނިކް އިންތިޒާމްކުރަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުންނެވެ. ބަޔޯމެޓްރިކް ކްލިނިކް ހުޅުވާނީ ފެބްރުއަރީ 3 އިން 5 އަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.
ވިސާގެ ޚިދުމަތަށް އެދިވަޑައިގަންވާ ފަރާތްތަކަށް ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިން ތިރީގައި ލިންކަށް ޒިޔާރަތްކުރައްވައިގެން ހެއްދެވޭނެއެވެ.
https://visa.vfsglobal.com/lka/en/deu/book-an-appointment
އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުން ވާ ފަރާތްތަކުން ތިރީގައިވާ ލިންކުން މައުލޫމާތު ހޯދެވޭނެއެވެ.
https://visa.vfsglobal.com/lka/en/deu/news/mobile-biometric-clinic-in-male

މި ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ޚާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ ސަފީރު ޖޯން ރޯޑް، މާލޭގައި ދާއިމީ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމްކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާއިރު، މި ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މިމިނިސްޓްރީއާއި ވީ.އެފް.އެސް ގްލޯބަލް ގުޅިގެން ދަނީ ކުރަމުންނެވެ. އަދި މިސެންޓަރުގެ ޚިދުމަތް މިއަހަރުގެ މާޗް މަހު ފެށިގެންދާނެއެވެ.