ލޯތްބަކީ، ލޯބި ވެވިއްޖެނަމަ ތަފާތު އެކިގޮތްގޮތަށް ވެވޭ އިހުސާސެކެވެ. ބައެއް ފަހަރު އަންހެނުން ފިރިހެނުންނާ ވާހަކަދެއްކުމުގައި ބޭނުން ކުރާ ބަސްތަކުން ޖަޒުބާތީ ވުމުގެ މަގުފަހިވެ ދައްކަން އުޅުނު ވާހަކައިގެ މަގުސަދާއި އަސްލު އޮޅޭ ގޮތް ވެއެވެ. މިހެން ވުމުން ބައެއްފަހަރު ފިރިހެން ވެރިންނަށް އަންހެންމީހާ ވާހަކަ ދައްކާ ނިޔަތް އޮޅި ދުރުދުރުން ލޯބި ހުށަހަޅަނީ ކަމަށް އިހުސާސްވެ ސުވާލު ވެސް ކުރެވެއެވެ.
އަންހެނަކު ފިރިހެން ރަހުމަތްތެރިޔަކާ ވާހަކަ ހިއްސާކުރަމުން ދާއިރު އޭނަ އެއުޅެނީ ލޯބި ވެވިގެން ކަމަށް ހީވެ ސުވާލު ކުރުމުން ނޫނެކޭ ބުނުމުން ލަދުގަންނަ ފަހަރުވެސް ދިމާވެފައި އެބަހުއްޓެވެ. މިހާރަކަށް އައިސް މިއީވެސް ވަރަށްގިނައިން ދިމާވަމުން ދާ މައްސަލައެކެވެ. ކައިވެންޏެއް ކޮށްގެން ހުންނަ އަންހެނަކު ނޫނީ ލޯބިވެރިޔަކު ގެންގުޅޭ މީހަކު އޭނަގެ ހަޔާތުގައި ދިމާވެފައިވާ ހިތްދަތި ވާހަކަ ފިރިހެން ރަހުމަތް ތެރިޔަކާ ހިއްސާ ކުރާވަގުތު ވާހަކައިގެ ރާގު ހުންނަ ގޮތަކުން އެރަހުމަތްތެރިޔާ ދެކެ މާގަޔާވާތީ ހިއްސާކުރާ ވާހަކަ ކަމަށް އިހުސާސްވެ، އެކަމާ ސުވާލު އުފެދި ހަގީގަތް ހޯދާއިރު ބައެއްފަހަރު ފިރިހެން ރަހުމަތްތެރިޔާ ލަދުގަންނަންޖެހިފައި އެބަހުއްޓެވެ. ލޯބިހުށަހަޅާ ކަމުގެ އިހުސާސެއް ވާނަމަ އެކަމުގެ ހަގީގަތް ހޯދިދާނެ 5 ގޮތް ތިރީގައި އެވަނީއެވެ.
އާންމުގޮތެއްގައި އަންހެނަކު ފިރިހެނަކު ދެކެ ލޯބިވާކަން އިހްސާސްކޮށްދިނުމަށް މަސައްކަތް ކުރާއިރު ވާހަކަ ދެއްކުމުގެތެރޭގައި ފިރިހެންމީހާ އެންމެ ގަޔާވާހާ ކަންކަމާމެދު ސުވާލު ކުރާނެއެވެ. އަދި ހުރިހާ ގޮތްތައް ހޯދައި އެގޮތަކަށް އަމަލުކޮށް އެމީހަކު ކުރިމަތީގައި އޭނަގެ ހިތްލެމްބުމަށް މަސައްކާތް ކުރާނެއެވެ. މިސާލަކަށް ފިރިހެން މީހާއަށް އެންމެ މީރީ ކޯޗެއްތޯ ސުވާލުކޮށް އެއެއްޗެށް އަމިއްލަ އަށް ކެއްކުމަށްފަހު އެމީހަކަށް ކާން ދައުވަތު ދޭނެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ “ފްލާޓް” ކުރަނީ ތޯ ނޫނީ ރަހުމަތްތެރިއެއްގެ ގޮތުގައި ވާހަކަ ދައްކަނީތޯ އެނގޭނެ އެންމެ މޮޅުގޮތަކީ އެމީހެއްގެ “ބޮޑީލެންގުއޭޖުން”ނެވެ. އެމީހަކު ހަގީގީ ލޯބިވާ މީހަކާއި ނޫނީ ރަހުމަތްތެރިޔަކާ ދެމެދު ވާހަކަދައްކާ ވަގުތު ހޭދަކުރާއިރު ލޯބިވާމީހެއް ނަމަ އެމީހަކާ އެކީ ވަގުތު ހޭދަކުރާނީ ތަންކޮޅެއް ގަޔާވެގެން ކަމަށާއި އާދައިގެ ރަހުމަތްތެރި އެއްނަމަ ވަގުތު ހޭދަކުރާނީ ވަކި ދުރުމިނެއްގައި ހުރެގެން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އަންހެން ކުއްޖާ ފިރިހެން ކުއްޖާ އާ ވާހަކަދައްކާ އިރު އަތުގައި ހިފާ ގާތްގޮތަކަށް އުޅޭނަމަ އެއީ ލޯބި ވާކަމުގެ ނިޝާނެކެވެ.
މީހަކަށް ހަގީގީ ލޯބި ވެވިއްޖެ ނަމަ އެލޯބި ވެވުނު މީހާ އެތައް އަހަރެއް ކުރިން ދައްކާފައިވާ ވަހަކަތައް ހަނދާނުގައި ހުންނާނެ ކަމަށް މީހުން ބުނެއެވެ. އަދި މިއީ ހަމަ ޔަގީނުންވެސް ގަބޫލު ކުރެވޭނެ ހަގީގަތެކެވެ. އެހެން ކަމުން އަންހެނަކު ވާހަކަ ދައްކާއިރު ތިބާ ވަރަށް ކުރިން ދައްކާފައި ހުރި ވާހަކަތައް އެ އަންހެން ކުއްޖާ ދައްކާނަމަ މިއީ އަސްލުލޯބިވާ ކަމުގެ ނިޝާނެކެވެ. ދިރިއުޅުމުގައި އެކަކު އަނެކަކާ ދައްކާ ވާހަކަތައް އާންމުކޮށް ހަނދާނުގައި ހަރުލާފައި ނުހުރެއެވެ.
ދެމީހަކު ދިމާވެ ނޫނީ ފޯނުން ވާހަކަ ދައްކާއިރު އަންހެން ކުއްޖާ އޭނަ ހުރީ ހުސްހަށިބައިކޮށް ކަމަށް ތަކުރާރުކޮށް ބުނާނަމަ އެއީ ލޯބިވާކަން ހާމަވާ ކަމެކެވެ. އަދި އެހުށަ ހަޅަނީ ލޯބި ނުސީދާކޮށް ފިރިހެން މީހާށެވެ. މިހެން އަންހެނަކު ވާހަކަ ދައްކާ ނަމަ މިއީ ފްލާޓް ކުރުން ނޫންކަން ޔަގީނެވެ. މީގެ އިތުރުން ނުސީދާކޮށް ދިރިއުޅުމުގެ ވާހަކަތަކާއި ހަޔާތުގައި ކުރިން ދިމާވެފައި ހުންނަ ވާހަކަތައް އަހައި އެންމެ ގަޔާވާ ކަންތައް ތަކާ ސުވާލުކޮށް، ހުއްދަ އާއެކު ޕާސަނަލް ވާހަކަ ތަކާ ސުވާލު ކުރާނަމަ މިއީ ލޯބި ވާކަމުގެ ބޮޑު ނިޝާނެކެވެ.
އަންހެނަކު ފިރިހެނަކާ ގާތްރަހުމަތްތެރި ކަމުގެ ގުޅުން ނޫނީ ހަގީގަތް ނޭނގޭ ގުޅުމެއް އޮތަސް މަތީގައި ބުނެފައި މިވާ ވާހަކަ ތަކާ އެއްގޮތަށް އަންހެން މީހާގެ އަމަލު ހުރިނަމަ، ލޯބި ހުށަހަޅަނީ ކަމަށް ގަބޫލުކުރާށެވެ. އެހެން ނަމަވެސް މި ދެންނެވި ކަންތައް ތަކާއި ހިލާފަށް ދުރު މިނެއްގައި ހުރެ ވާހަކަ ދައްކާ ނަމަ އެއީ ހަގީގަތުގައި ވެސް ރަހުމަތްތެރި އެއްގެ ގޮތުގައި ހުރިމީހަކު ކަމަށް ދެކޭށެވެ. އަންހެނަކު ފިރިހެނަކާ ވާހަކަ ދައްކާއިރު މި ކަންކަމަށް ސަމާލުކަން ދީފިއްޔާ ތިބާ އަށް ނުބައި ސުވާލެއް ކުރެވި ލަދު ގަންނާ ކަށް ނުޖެހޭނެއެވެ.