English Edition
Dhivehi Edition
ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ އެސެމްބްލީގެ ތެރެއިން

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ހިތަދޫ ސްކޫލުގައި ފެށިގެން ދިޔައީ ޚާއްޞަ ގޮތެއްގައެވެ. ދުވަހުގެ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެން ދިދަ ނަންގަވައއި އެސެމްބްލީ ފައްޓަވައި ދެއްވެވީ ސްކޫލްގެ ޕްރިންސިޕަލް އާއެކު މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ ޝުކޫރެވެ.

އެސެމްބްލީ ގައި މިނިސްޓަރ އާތިފާ ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި، ދަރިވަރުންނަށް ހިތްވަރުދެއްވަވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދަރިވަރުންނާއެކު ނާސްތާ ޕްރޮގްރާމުގައި ވެސް މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހިތަދޫ ސްކޫލުގައި މިއަދު ބޭއްވި މިއަހަރުގެ ފުރަތަމަ އެސެމްބްލީގައި ދަރިވަރުންނަށް މަރުހަބާ ކިޔުމަށްޓަކައި އެސްކޫލުގެ އެސްއެމްޓީން ވަނީ މަރުހަބާގެ ޅެމެއް ހުށަހަޅާ ދީފައެވެ.

ހިތަދޫ ސްކޫލުގެ އެސެމްބްލީގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ބޭއްވި ސްކޫލްތަކުގެ އެސެމްބްލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަ ޖެއްސެވި ޕްރޮގްރާމުގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އައްޑޫސިޓީގެ ސްކޫލުތަކުން މިނިސްޓަރ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ ހިތަދޫ ސްކޫލަށެވެ.