English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ދިރާސީ އައު އަހަރުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފި އެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ފެށޭ ދިރާސީ އައު އަހަރުގެ ހެޔޮއެދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ދަރިވަރުންނަށް އަރިސްކުރައްވައި، އެކުދިންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި ދިރާސީ އަހަރަކީ ދަރިވަރުންނަށް އައު އެއްޗެހި ދަސްވެ، އައު އެކުވެރިންނާއި ބައްދަލުވެ، މުޅި އުމުރަށްވެސް ހަނދާން ހުންނާނެފަދަ ހަނދާންތައް އުފައްދައިދޭނެ އަހަރަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިޞަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިރާސީ އައު އަހަރުގެ ހެޔޮއެދުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ދަރިވަރުންނާއި މުދައްރިސުންނަށް އަރިސްކުރައްވާ ކަމަށެވެ. އަދި 2020 ވަނަ އަހަރަކީ ޢިލްމީ ގޮތުން އަލިގަދަ އަހަރެއް ކަމުގައި ލައްވައި، ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ފައިޞަލް ވިދާޅުވި އެވެ.

ރައީސް އާއި ނައިބު ރައީސްގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިންނާއި، މަޖިލިސް މެންބަރުންގެ އިތުރުން އެހެނިހެން ފަރާތްތަކުންވެސް ދަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަރިވަރުންނަށް ވިދާޅުވަމުންނެވެ.

މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު، އެޑިޔުކޭޝަން މިނިސްޓްރީ އިން ލަފާކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު 73.000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އަދި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ އިއްޒުއްދީން ސުކޫލާއެކު ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެއެވެ.

އަދި ދިރާސީ އަހަރު ނިންމުމަށްފަހު އަހަރުގެ ފަހުކޮޅު އަންނަ ބޮޑު ޗުއްޓީއަށް ބަދަލު ގެނެސް އަހަރު ތެރޭގައި ދެ ފަހަރަށް ޗުއްޓީ ދޭގޮތަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ، މިއަހަރުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލައިގެން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ސްކޫލް ޗުއްޓީގެ ފުރަތަމަ ބައި ދޭނީ، 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި ދެވަނަ ބައި ދޭނީ، 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 އަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.