ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނަގާއިރު ނަގަމުން އައި ކްރޮސް ބޯޑާ ފީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރެއިން ފެށިގެން ނުނަގާ ގޮތަށް ކަނޑައަޅައި ދަރިވަރުންނަށް ބޮޑު ލުޔެއް ދީފި އެވެ.
ބީއެމްއެލް އިން މި ބަދަލު ގެނެސްފައި މިވަނީ ބޭރު ގައުމުތަކުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން އޭޓީއެމްތަކުން ފައިސާ ނެގުމުގައި ބޮޑެތި ފީތަކެއް ކެނޑޭތީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅުކުރަމުން ދަނިކޮށެވެ.
ބޭންކުން ބުނި ގޮތުގައި މި ނިންމުމާ އެކު، ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު އެ ގައުމެއްގެ ބޭންކަކުން ނަގާ ފީއެއް ފިޔަވައި، ބީއެމްއެލްގެ ފަރާތުން ކާޑަށް ނަގަމުން އައި އެއްވެސް ފީއެއް ދެން ނުނަގާނެ އެވެ. މީގެ ސަބަބުން ކާޑުން އިތުރަށް ކެނޑޭ ފައިސާ ހުއްޓުމަކަށް އައިސް، ކިޔަވާ ކުދިންނަށް ސީދާ މާލީ ފައިދާ ލިބިގެންދާނެ އެވެ.
މި ބަދަލުގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. އެގޮތުން ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ބޭންކުން ކަނޑައަޅާފައިވާ މަހަކު 1،200 އެމެރިކާ ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
ދާދި ފަހުން ބޭރުގައި ކިޔަވާ ދަރިވަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން ކުރިން ނަގަމުން އައި ފީއަށް ވުރެ 10 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ބޭންކަށް އަމާޒުވެފައިވަނިކޮށް، ބީއެމްއެލް އިން މިވަނީ ކުއްލި އަދި އެދެވޭ ހައްލެއް ހޯދައިދީފަ އެވެ.
މި ނިންމުމާ ގުޅިގެން ބީއެމްއެލް އިން ބުނީ، މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ދިމާވާ ދަތިތަކަށް ލުއިފަސޭހަ ހައްލުތައް ހޯދައިދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ގައުމީ ބޭންކުން ފާހަގަކުރެ އެވެ.