English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ސޯޝަލް މީޑިއާ

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެ ޕާޓީގެ ކުޅުދުއްފުށީ ސިޓީގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 16 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައެއް ނުވެއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ކުޅުދުއްފުށްޓަށްވެސް މޭޔަރަކު އިންތިޚާބު ކުރަންޖެހޭނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާއެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެންބަރުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.