English Edition
Dhivehi Edition

ދިރާސީ އާހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، މިއަދަކީ ސްކޫލަށް ކުދިން ފޮނުވުމަށްޓަކައި، ތައްޔާރުކުރަންޖެހޭ ކަންތައް ކުރުމުގެ ފަހުދުވަހެއެވެ.

ގިނަ ބެލެނިވެރިން ޗުއްޓީއަށް ފުރައިގެން ދިޔައިރު ސްކޫލް ކަންތައް ނިއްމާލާފައި ދިޔަނަމަވެސް ބައެއް ބެލެނިވެރިން މިކަންތައް ހަމަ ޖެއްސުމަށް ބެހެއްޓީ،އުފާވެރި ވަޤުތު ތަކެއް ކުދިންނާއިއެކު ހޭދަކުރުމަށްފަހު އެނބުރި އައިސް އެއްމެ ފަހު ހަފްތާގައި ކުރުމަށެވެ.

މިދުވަސްކޮޅު ސްކޫލް ބޭނުންވާ ސާމާނުތައް ގަތުމަށްޓަކައި ފިހާރަތައް އޮންނަނީ މީހުން ފުރި ބާރުވެފައެވެ. އެއްބަޔަކު ސްކޫލް ބޫޓް ގަންނައިރު އަނެއްބަޔަކު ސްޓާކީނާއި ބެލްޓް ފަދަ ސާމާނުތަކެވެ. މިމަންޒަރުން ދޭހަވަނީ ، މި ދެފަރާތްވެސް މިކަން ކުރަން ނިންމިގޮތް ގޯހެކޭ ނުބުނެވޭނެއެވެ. ސަބަބަކީ، މާދަމާ ސްކޫލަށް ކުދިން ފޮނުވާއިރު ހުރިހާ ކަމެއް ފުރިހަމަކޮށްފައި ފޮނުވާނެތީއެވެ.

މާދަމާ ވެގެންދާނީ ބައެއްދަރިވަރުން މުޅިން އާ މާޙައުލަކަށް ލޯހުޅިވެގެންދާނެ ދުވަހަކަށެވެ. އުފާވެރި ދުވަހަކަށެވެ. އެއީ އެއްމެ ފުރަތަމަ ސްކޫލަށް ދާ ދުވަސްކަމަށްވާތީއެވެ. މުޅިން އާބަޔަކަށް ،އާތަނަކަށް ދެވޭތީ ބައެއްކުދިން ޖެހިލުންވެފަ ތިއްބެއް ކަމަކު ހަމަޔަޤީނުންވެސް މިކުދިންވެސް ތިބޭނީ މަންމަ ނުވަތަ ބައްޕަމެން ގަނެދިން އާއެއްޗެހި ކްލާސް ކުދިންނަށް އަދި މުދައްރިސަށް ދައްކާލާ ހިތުންނެވެ.

މާދާމާއަކީ،އާއަހަރު ސްކޫލް ހުޅުވޭ ދުވަސް ކަމަށް ވުމުން މުދައްރިސުން ތިބޭނީ ދަރިވަރުންނަށް މަރުޙަބާ ކިއުމަށްޓަކައި އެތައް ކަމެއް ރާވައިގެންނެވެ.

ނަމަވެސް ދިރާސީ އާއަހަރާއި ކުރިމަތިލާއިރު މިކުދިންނަށް ޓަކައި ތައްޔާރު ވާންޖެހޭނީ، ހަމައެކަނި ބެލެނިވެރިންނާއި ޓީޗަރުންހެއްޔެވެ. ހަމަޔަޤީނުންވެސް މިބޭފުޅުން ތިއްބެވީ މާދަމައަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ޒިއްމާ ހަވާލުކުރެވިފައިވާ ރަށުކައުންސިލްވަނީ މާދަމަޔަށް ތައްޔާރުވެފައިތޯއެވެ؟ ގާތްގަނޑަކަށް ދޮޅު މަހެއްހާ ގިނަ ދުވަހުގެ ސްކޫލްގެ ކިޔެވުން މެދު ކެނޑުމަކަށް ފަހު މާދާމާ ސްކޫލަށްދާން ދަތުރުކުރާ މަގުތަކުގެ ޙާލަތަށް ބަލާލުމުން ދިރާސީ އާއަހަރުގެ ކިޔަވާ ދަރިވަރުންނަށްޓަކައި ކައުންސިލުންތައްޔާރު ވެފައިނުވާކަން ދޭހަވެއެވެ. އައްޑޫގެ މަގުތަކުގެ ޙާލަތާއި މެދު ގިނަ ބެލެނިވެރިން ދަނީ ސޯޝަލްމީޑިއާގައި ތަފާތު ޝުޢޫރު ތައް ފާޅުކުރަމުންނެވެ. ސްކޫލް ހުޅުވޭ ދުވަސް ޖެހުނު އިރުވެސް ކައުންސިލުން، ސްކޫލްދޮށަށްދާ މަގުތައް ނަހާދާ އޮތުމުގެ ސަބަބުންނެވެ. ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެންދާ މަގުތަކުގައި،ޚާއްޞަކޮށް ސްކޫލް ހުންނަ މަގުތައްވެސް ހުރީ ހިނގާފަ ދިއުމަށްވެސް އެކަށީގެންވާ ހާލަތެއްގައެއް ނޫނެވެ.

މިހާރުވެސް ހިނގާފައި ދާ މީހުންނަށްވެސް މިމަގުތަކުގެ ވަޅުގަނޑު ގަނޑަށް ވެއްޓި ތަފާތު އަނިޔާތައްދަނީ ވަމުންނެވެ. ރޭގައި ވެސް ފޭދޫސްކޫލް ކަންމަތީގައި މަގުހުރަހަށް އަޅާފައިވާ ފަސްފުންޏަކަށް ސައިކަލަކުން ދިޔަމީހަކު އަރައި އެމީހާ ވިއްސައިގެން ދިއުމުގެ ސަބަބުންވަނީ ނުހަނު ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގެ ބޮޑުމަގުގައި ހުންނަނީ ތާރު އަޅާފައެވެ. ނަމަވެސް އަޅަންފަށައި 6 އަހަރު ވީއިރުވެސް ނުނިމުނު ފާޚާނާ ނިޒާމު އެޅުމަށްޓަކައި ތާރުގަނޑުތައް ކަނޑަފާއި ހުރުމުގެ ސަބަބުން ގިނަރަށްރަށުގެ މަގުތައްވަނީ ހަލާކުވެފައެވެ. ތާރުގަނޑު ނަގާފަ ހުރިތަނަށް އަޅާފައިވާ ފަސްތައް ތާރުގަނޑުގެ މައްޗަށް އަރައި އެފަސްތަކުންވަނީ ކުދިކުދި ފަސްފުނިތައް ހެދި އަދި ގިނަމަގުތައް ހުރީ އޮށްވަޅުގަނޑެއްގެ ސިފައިގައެވެ.

 

މިމަގުތަކުން ދުއްވާ އެއްޗިހިން ދަތުރުކުރާ މީހުންގެ ފޫކޮޅު ގިނަފަހަރު ޝީޓްމަތީގައި ނުޖެހެއެވެ.ދަތުރު ކުރަމުންދާއިރު ބަލާމީހަކަށް ސިފަވާނީ ރޮކްލަވަޔަކަށް ނަށަމުންދާ މީހަކާއެވެ. އަދި މި ނެށުން ޓިކްޓޮކުންފެނޭތޯ ބެލުމަކީވެސް އެކަށީގެންވާކަމެކެވެ. އަންހެން ކުދިން މިމަގުތަކުން ދަތުރުކުރާ އިރު މީހުން ގިނަ ސަރަޙައްދުތަކުން ދަތުރު ނުކޮށް، އެހެން މަގަކަށް މިސްރާބު ބަދަލުކުރާތަން ފެނެއެވެ. އެއީ އެމީހުން ކުރިމަތިން ނަށަމުން ދާން ޖެހޭތީ ލަދުންނެވެ.

މިޙާލަތަށް މިމަގުތައް ދިއުން މިއީ އިއްޔެއަކު ވީކަމެއް ނޫނެވެ. އަދި ސްކޫލްތައް ހުޅުވޭ ދުވަސްވެސް ހަމަޔަޤީނުންވެސް ވަނީ ކުރިން އެންގިފައެވެ. ސުވާލަކީ، ސްކޫލްތައް މާދަމާ ހުޅުވޭއިރުވެސް މިމަގުތައް ނެހެދި އޮތީ ކީއްވެގެންތޯއެވެ.؟ މިކަމުގައި އިހުމާލުވީ ކޮންބައެއްތޯ އެވެ. ޛިއްމާ އަދާކުރަން ޖެހެނީ ކޮންބައެއްތޯއެވެ.؟

މާދާމާ ކިތައްމެ އާ ބޫޓަކާއި އަދި އާ ޔުނިފޯރމެއް ލައިގެން ދިޔަނަމަވެސް ވާރޭ ވެހިއްޖެކަމަށް ވަންޏާ ދަރިވަރުން ދާންޖެހޭނީ ބޫޓާއި އިސްޓާކީނު އަތަށް ލައިގެންނެވެ. މިވަރުންވެސް ކޮނެފައި ހުރި ވަޅުގަނޑަކަށް ނުވެއްޓި ސަލާމަތުން ސްކޫލަށް ވަދެވިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ކިޔަވާ ދަރިވަރުންނަށް ފާގަތި އަލި ދިރާސީ އާއަހަރަކަށް އެދެމެވެ.