English Edition
Dhivehi Edition

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުން އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ. އެކޯލިޝަނުން މިކަމަށް ގޮވާލާފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އޭގައިވާ ގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޖެންޑާ 19 ޕްރޮމޯޓް ކުރުމަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރު ފުޅަށް އިޝާރާތް ކުރައްވާ މިސަރުކާރަކީ ނުފުއްދޭ ވަޢުދުތައް ވަމުންދާ ސަރުކާރެއްކަން މިވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވުމާއެކު މިހާރުވެސް މިސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންނަށް އަނެއްކާވެސް ގިނަހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެ ކޯލިޝަނުގެ މެމްބަރުންނާއި ދިވެހި ޤައުމުދެކެ ލޯބި ވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީއިން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ޕާޓީއަށް ތާއީދު ކުރައްވާ މީހުން އެފަދަކަންކަމުގައި ބައިވެރި ނުވުމަށްވެސް މިބަޔާނުގައި އެދިފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެންނޫނީ ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުން އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ކޯލިޝަންގެ ބަޔާނުގައި އެދިފައިވެއެވެ.