English Edition
Dhivehi Edition
އީސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި މެންބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މެންބަރުންގެ ހުވާ ކުރުން މޭ، 28 މޭ ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުން އެހެން ގޮތަކަށް ކަނޑަ ނާޅާހާ ހިނދަކު މި ދައުރުގެ އެންމެ ފަހު ޖަލްސާ މޭ 13 ގައި ބާއްވާނެ ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މިހާރުގެ ދައުރު ހިނގާނީ މޭ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީ 66، އެމްޑީޕީ 12، މިނިވަން 11 (މިނިވަން 11 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކަށް އިންތިހާބުގައި ޕީއެންސީގެ ތާއީދު ކުރި)، އެމްޑީއޭ 2، އެމްއެންޕީ 1، ޖޭޕީ 1 ގޮނޑިވަނީ ލިބިފައެވެ.