އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ “އީކުއޭޓަރ ވިލެޖް” ގެ މި އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
“ލީޑިން އެއާޕޯޓް ހޮޓެލް” ގެ އެވޯޑު ދެފަހަރު މަތިން ހޯދާފައިވާ އީކުއޭޓަރ ވިލެޖްގައި މީގެ ކުރިންވެސް ތަފާތު ގިނަ ފަހަރެއްގެ މަތިން ވަނީ އެޕްރެންޓިސް ޕްރޮގްރާމު ހިންގައި ގިނަ ޒުވާނުންތަކެއް، ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނު ކޮށްފައެވެ. އެގޮތުން އައްޑޫގެ ސްކޫލް ތަކުގެ ތެރެއިން ސާނަވީ އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކުގެ ދަރިވަރުންނަށް މިފަދަ ކާމިޔާބު ޕްރޮގްރާމު ތަކެއް އީކުއޭޓަރ އިން ހިންގާފައިވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގްރާމުގައި އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުން ބައިވެރިވަމުން އަންނަ އިރު އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނާސިރު ވިދާޅުވީ އީކުއޭޓަރ ވިލެޖުން ފަހި ކޮށްދޭ އެފަދަ ފުރުސަތުތަކަކީ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ، ގިނަ ކަންތައްތަކެއް ދަސްވެގެންދާ ޕްރޮގްރާމެއް ކަމަށެވެ.
“އީކުއޭޓަރ ވިލެޖްގެ އެޕްރެންޓިސް ޕްރޮގްރާމަށް މި ސްކޫލުން ދަރިވަރުން ފޮނުވަމުން ދާތާ 5 ވަރަަކަށް އަހަރު މިވީ. ކޮންމެ އަހަރަކުވެސް އެއް ބެޗް އެތަނުގައި މި ޕްރޮގްރާމު ފުރިހަމަ ކުރޭ. ދަރިވަރުންގެ ބެލެނިވެރިންވެސް އީކުއޭޓަރ ވިލެޖަށް އެކުދިން ފޮނުވުމަށް އެއްވެސް ޖެހިލުމެއް ނުވޭ. ބެލެނިވެރިންނަށް ވެސް އެނގޭނެ އެތަނުގެ މާހައުލަކީ އެކުދިންނަށް ރަނގަޅު މާހައުލެއް ކަމާއި އެތަނުގައި އެކުދިން ތަމްރީނު ކުރުމަށް ތިބޭނީ ގާބިލް ކަމުގެ ހުނަރު ލިބިފައިތިބި ތަޖުރިބާކާރު މީހުންކަން. ގާތްގަނޑަކަށް 3 މަސް ދުވަހުގެ އެޕްރެންޓިސް ޕްރޮގްރާމު ފުރިހަމަ ކުރުމަށްފަހު އަންނަ ދަރިވަރުންނަށް ވަރަށް ގިނަ ކަންތައް ތައް ދަސްވެ ދާއިރާ އަށް ލޯހުޅުވިފައިވާ ކަން އެނގޭ” ޕްރިންސިޕަލް ނާސިރު ވިދާޅުވިއެވެ.
އީކުއޭޓަރ ވިލެޖްގައި މީގެ ކުރިން ވިލާކޮލެޖްގެ ދަރިވަރުންތަކެއްވެސް އެޕްރެންޓިސް ޕްރޮގްރާމު ފުރިހަމަކޮށްފައިވާ އިރު އޭގެ ތެރެއިން ދާއިރާއިން ކުރިއަށް ދާން ބޭނުންވި ބައެއް ދަރިވަރުންނަށް އެތަނުން ވަޒީފާގެ ފުރުސަތުވެސް ވަނީ ފަހިކޮށް ދީފައެވެ.
އައްޑޫގައި ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔައިރު އެވަގުތު އީކުއޭޓަރ ވިލެޖްގެ އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ އިންޓަނޭޝަނަލް ޑެލިގޭޝަނާއެކު މަސައްކަތް ކުރާނެ ފުރުސަތުވެސް ހޯދާދީފައެވެ.
އީކުއޭޓަރ ވިލެޖް ފާހަގަ ކޮށްލެވެނީ އިޖުތިމާއީ ގިނަ ކަންތައްތަކުގައި އެހީތެރިވާ މުޖުތަމައަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި އެހީތެރިވަމުން އަންނަ ތަނެއްގެ ގޮތުގައެވެ.