English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފި އެވެ.

އެމްޑީޕީ އިން ބުނީ އެ ޕާޓީގެ ޕްރައިމަރީ އަށް އެޕްލިކޭޝަން ފޯމް ބަލައިގަތުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު މިރޭ (10 ޖެނުއަރީ 2020) 9:00 އާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އެމްޑީޕީ އިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓާސް ލިސްޓުގެ ޝަކުވާ ފޯމް [email protected] އަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަނެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ވޯޓާރސް ލިސްޓް އާންމުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދިކެންޑިޑޭޓުންގެ ލިސްޓު އާންމުކުރުން 13 ޖެނުއަރީގައި ބޭއްވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 15 ވަނަ ދުވަހު އާންމުކުރާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.