English Edition
Dhivehi Edition
ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި - ފޮޓޯ: ރައީސް އޮފީސް

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމް ފަށައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގައި އެ ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމަށްޓަކައެވެ. އެ ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި މި މަޢުލޫމާތު ބޭނުން ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

އެ ދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮރ އޯޝަނޯގްރަފީގެ ސޭންޑިންގ ލެބާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

26 ދުވަހުގެ އެ ދަތުރުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ޙާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، އެ މަޢުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެއެވެ.

އެ ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި ސިޔާސަތު ކަނޑައެޅުމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުރޯދިން ލިބޭ މަންފާ އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.