English Edition
Dhivehi Edition
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) - ފޮޓޯ: ފޭސްބުކް
މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަނޑާލުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނިންމައިފި އެވެ.

ޑީއެންއާރް އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށްޓަކައި 18 އަހަރުން މަތީ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެއްޖެނަމަ 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުމަށް އެދިފަ އެވެ.

އަދި 16 ޖެނުއަރީ 2020 ވަނަ ދުވަހުންފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަނޑާލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ޑީއެންއާރް އިން ބުނީ އެގޮތަށް ނިންމަން ޖެހުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެވެސް މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެ ކަމަށްވެސް ޑީއެންއާރް އިން ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ޖުމްލަ 384 އަންހެން ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.