English Edition
Dhivehi Edition
ރަޝިޔާގެ ޖާސޫސީ މަސްދަރުތަކުން ސިއްސައިގެންދާފަދަ ރިޕޯޓެއް އާންމުކޮށްފިއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އީރާނުން ބަދަލު ހިފުމުގެ ގޮތުން ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި ދިން ޙަމަލާތަކުގައި އިޒުރޭލަށް ވަނީ އިސްތިރާޖީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރަޝިޔާގެ ޖާސޫސީ މަޢުލޫމާތުން ހާމަވާގޮތުގައި، މަރުވި މީހުންގެ ތެރޭގައި އިސް މަޤާމުތަކުގައި ތިބި އޮފިޝަލުންނާއި، ޚާއްސަ މުވައްޒަފުން ހިމެނޭއިރު، އޭގެ ތެރޭގައި ނިއުކުލިއާ ސައިންސްވެރިންނާއި، އައި.ޑީ.އެފްގެ ހަ ޖެނެރަލުންވެސް ހިމެނެއެވެ.
އެ ރިޕޯޓުގައި ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އިޒުރޭލުގެ ޑިމޯނާ ނިއުކުލިއާ ފެސިލިޓީއަށް ވަނީ ސަލާމަތީ ގޮތުން ބަލާއިރު ވަރަށް މުހިންމު ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އީރާނުގެ މިސައިލް ޙަމަލާތަކުގައި، އެ ފެސިލިޓީގެ އޮޕަރޭޝަނަލް އެކްސެސް ނުވަތަ ކޮންޓްރޯލް ވަނީ އިޒުރޭލަށް ގެއްލިފައެވެ. އެއީ ފާއިތުވި އެތައް ދަސް އަހަރެއްގެ ތެރޭގައި އިޒުރޭލުގެ ޤައުމީ ސަލާމަތަށް ދެވުނު އެންމެ ނުރައްކާތެރި ޙަމަލާއެވެ. އީރާނުގެ ޙަމަލާތައް، އިޒުރޭލުގެ ދިފާޢީ އަދި ސައިންޓިފިކް މިޢުމާރިއްޔަތުގެ އެންމެ ފުނަށް އަމާޒުވެ އެތަންތަން ވަނީ ސުންނާފަތިވެފައެވެ.
މަތީ ފެންވަރުގެ އިސްދާނަކަމުގެ އިތުރުން، އެ ރިޕޯޓުން ހާމަވާ ގޮތުގައި އިޒުރޭލުގެ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އިޒުރޭލުގެ ވައިގެ ސިފައިންގެ 198 އޮފިސަރުންނާއި، އަސްކަރިއްޔާގެ 462 ސިފައިން މަރުވެފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ 32 އެޖެންޓުން ގެއްލިފައިވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އެއީ އީރާނުގެ ބަދަލު ހިފުމުގެ ޙަމަލާތަކުގައި، ޖާސޫސީ ނެޓްވޯރކްތަކަށާއި، މުވައްޒަފުންނަށް ކާމިޔާބުކަމާއެކު ޙަމަލާތައް އަމާޒުކޮށްފައިވާ ކަމުގެ ހެއްކެކެވެ.
މި އަދަދުތަކުގެ ޞައްޙަކަން އިޒުރޭލުގެ އޮފިޝަލުން އަދި ކަށަވަރުކޮށްދީފައި ނުވާއިރު، މޮސްކޯގެ ރިޕޯޓުގައި އީރާނުގެ “ބަދަލު ހިފުމުގެ މަރުޙަލާ” ގެ ބާރުގަދަކަން ފާހަގަކޮށްފައިވެއެވެ. ސައިންސްވެރިންނާއި، ޖެނެރަލުންނަށް ސީދާ ޙަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ކޯޑިނޭޝަންތަކުން ދޭހަވަނީ އީރާނުން ޒަމާނީ އިންޓެލިޖެންސުގެ ވަޞީލަތްތައް ބޭނުންކޮށްފައިވާ ކަމެވެ. އަދި، އެކަމުގައި ބޭރުގެ ބާރުތަކެއްގެ އެހީތެރިކަން ވަނީ އީރާނަށް ލިބިފައިވާ ކަމަށް ބެލެވެއެވެ.
ހަނގުރާމައިގެ މިދުމާ ނުވަތަ ފޮގު ގަދަވެފައިވާތީ، އެ ސަރަޙައްދަށް ލިބެމުންދާ ހަޤީޤީ ގެއްލުމާއި، މަރުވި މީހުންގެ ޖުމްލަ ޢަދަދު ކަށަވަރު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ރަޝިޔާގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގެއްލުންތަކަށް، އިޒުރޭލުގެ ސަރުކާރާއި، އައި.ޑީ.އެފް އިން ރައްދު ދިނުމަށް ރާވާފައިވާ ގޮތާއި، ޑިމޯނާ ނިއުކުލިއާ ފެސިލިޓީގެ ޙާލަތާ ބެހޭ އިތުރު އަދާހަމަތަކަށް އިންތިޒާރު ކުރާށެވެ.