English Edition
Dhivehi Edition
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު - ފޮޓޯ: އޮޑިޓަރ ޖެނެރަލްގެ އޮފީސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓެއް ހަދައިދޭނެ އޮޑިޓް ފާމެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ކުރިން ކުރި އިއުލާނާއި ގުޅިގެން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ޤަވާއިދުގެ ދަށުން ޕްރެކްޓިސިންގ ސަރޓިފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.