English Edition
Dhivehi Edition

މިނިވަންކަޕް 2017 ގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަންތަރަ އާއި މަރަދޫ އެފްސީއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބުކުރީ މަންތަރަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ލަނޑުތައް ޖަހާފައިވަނީ ވަރަށް ކައިރިކައިރީގައެވެ. މި ގޮތުން މެޗުގެ ދެވަނަ މިނިޓްގައި މަންތަރަ ޓީމުގެ ސަމީނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި އިރު މެޗުގެ ތިންވަނަ މިނިޓްގައި އެ ޓީމުގެ ރޮނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ރޮނާގެ އެ ލަނޑާއެކު މެޗުގެ ހަތަރުވަނަ މިނިޓްގައި މަރަދޫ އެފްސީގެ އަބްދުއްﷲ ވާޒިއު ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފަައެވެ. ދެޓީމުންވެސް ޑިފެންސްލައިން ފޫ އަޅުވާލުމަށްފަހު ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މެޗުގެ ފަސްވަނަ މިނިޓްގައި މަންތަރައިގެ ސަމީނު ލަނޑެއް ޖެހިއިރު އޭގެ އެއް މިނިޓް ފަހުން މަރަދޫ އެފްސީގެ އައިކުވަނީ ލަނޑެއް ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ވާޒިއު ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި މަންތަރައިން ވަނީ އެޓޭކިން ގޭމެއް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ދެވަނަ ހާފްގެ އެއް މިނިޓް ތެރޭގައި މަންތަރައިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮނާއެވެ. މަންތަރައިން ކާމިޔާބުކުރި ހަވަނަ ލަނޑަކީ މެޗުގެ ސައްބީސްވަނަ މިނިޓްގައި ލިޔާއު ނަގައިދިން ކޯނަރަކުން އިބްރާހިމް ޝިނާޒު(ހެޓޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ. މަންތަރަ އެފްސީއިން ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު މަރަދޫ އެފްސީގެ އައިކު ވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ. މަންތަރަ ޓީމުގެ ލިޔާއު އާއި ރޮނާ ވަނީ މެޗުގެ ތިރީސް އެއްވަނަ މިނިޓާއި ތިރީސް ހަތަރުވަނަ މިނިޓްގައި ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ޖަހާފައެވެ. މަރަދޫ އެފްސީ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ތިރީސްއަށްވަނަ މިނިޓްގައި ކާމިޔަބުކޮށްދިނީ ވާޒއުއެވެ. ވާޒިއުގެ މި ލަނޑާއެކު ތިރީސް ނަވަ ވަނަ މިނިޓްގައި ސަމީނު ވަނީ ލިބުނު ކޯނަރަކުން އެ ޓީމުގެ ނުވަ ވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި މަރަދޫ އެފްސީއިން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ އެންމެ ފަހު މިނިޓް ނާދިރު(ޗިޅާ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު މަރަދޫ އެފްސީ އިން ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައެވެ. މި މެޗުގައި މުބާރާތުގެ ފުރަތަމަ ރަތް ކާޑު މަރަދޫ އެފްސީގެ ހުސެއިން ލިރަރުއަށް ވަނީ ދައްކާފައެވެ.

މި މެޗަށް ފަހު މަރަދޫ އެފްސީގެ ކޯޗު ބުނެފައިވަނީ މި މެޗުން ބަލިވީ ރަގަޅަށް ނުކުޅެވުުމުން ކަމުގައެވެ. އަދި މުބާރާތުގެ ހުރިހާކަމެއްވެސް ވަރަށް ރަގަޅަށް ދިޔައިރު މުބާރާތުގައި ރަގަޅު ކުރަންޖެހޭ ކަންތައްތައްވެސް ކޯޗުވަނީ ފާހާގަކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު 26 ޖުލައި ވާ ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ އޭޓީ ސްޕޯޓް އާއި މަންތަރައެވެ.