English Edition
Dhivehi Edition

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ،ހިނގި ހާދިސާގައި ސީރިއަސް އަނިިޔާތަކެއް ލިބުނު ލޯންޗު ކެޕްޓަންގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ބ.އަތޮޅު ދޮންފަނާއި ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ބ. އޭދަފުށީ ޝަބްނަމުގޭ މުހައްމަދު މުސްތަފާ،21 އަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ ހާލު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށެވެ.

އެ ހާދިސާ ހިނގި ރޭ މުސްތަފާގެ ވާތު ލޮލަށް ލޭއަރައި އަތުގެ އެއް އިނގިލި ބިނދިފައިވިޔަސް، އޭނާ އެރޭ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އޭނާގެ ހާލު ސީރިއަސް ވުމުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފަ އެވެ. އެ ހާދިސާގައި މުސްތަފާގެ މޫނުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާއިރު އޭނާގެ ސާޖަރީ ހެދުމަށް އައިޖީއެމްއެޗުން އަންނަނީ ތައްޔާރުވަމުންނެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ގެއްލިފައިވާއިރު އޭނާ ހޯދުމަށް މިހާރު ވެސް ޑައިވް ރޮބޮޓާއި ހެލިކޮޕްޓަރާއި އަދި ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުންތަކެއް އަންނަނީ މަސައްކަތްކުރަމުން ނެވެ.