English Edition
Dhivehi Edition
އައްޑޫގެ ކަންޑުއަޑިގެ މަންޒަރެއް/ފޮޓޯ މާކް ކޯވެންބާގް،އަކުއަވެންޗަރޑައިވް

ވ. އަތޮޅުގައި 60 މީޓަރު އަޑީގައިވާ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، އިޓަލީގެ “ޑޭން” ކުންފުނިން ހަމަޖައްސައިގެން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ޓެކްނިކަލް އާލާތްތަކާއެކު މާދަމާ ހެނދުނު ރާއްޖެ އަންނާނެ ކަމަށެވެ.

މި ޓީމު ރާއްޖެ އައުމުން، އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވާލާނެއެވެ. މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ކޯސްޓްގާޑުގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރުފަހު ނިޔާވުމާ ގުޅިގެން މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، ބޭރުގެ ތަޖުރިބާކާރުންނާއެކު މާދަމާ އަލުން އޮޕަރޭޝަން ފަށާނެ ކަމަށް ތަރުޖަމާނު ބުންޏެވެ. ފިންލެންޑުގެ އިތުރުން އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ މިކަމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފައެވެ.

“އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީން ފީނަން ގޮސް އުޅެނިކޮށް ގެއްލުނީ ހަތަރު ޓޫރިސްޓުންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. މީގެ ތެރެއިން އެކެއްގެ ހަށިގަނޑު ގާތްގަނޑަކަށް 60 މީޓަރު އަޑީގައިވާ ކޭވްއެއްގެ ތެރެއިން ފެނިފައިވާއިރު، ދިގުމިނުގައި 200 ފޫޓު ހުންނަ އެ ހޮހޮޅައިގެ ތެރޭގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބޭނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގައި ޑައިވްކުރުމުގެ ހުއްދަ ގާނޫނީ ގޮތުން އޮންނަ އެންމެ ފުންމިނަކީ 30 މީޓަރެވެ.