ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު، ކަނޑުއަޑީގެ 60 މީޓަރު އަޑިން މިއަދު ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީއެއްގެ ޑައިވަރުންނަށް، މިއަދު އިރުއޮއްވި ފަހުން 18:13 ހާއިރު ކަމަށެވެ.
މި ހަށިގަނޑު ފެނިފައިވަނީ ކަނޑުއަޑީގައި އޮތް ބޮޑު ހޮހޮޅައެއްގެ (ކޭވް) ތެރެއިން ކަމަށްވާއިރު، ގެއްލުނު އަނެއް ހަތަރު ޑައިވަރުންވެސް ވީކަމަށް ބެލެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހޮޅައިގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި “ހައި ރިސްކް” އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ފެނުނު ޑައިވަރުގެ ހަށިގަނޑު މިހާރު ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަނުގައި ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، އަލިމަތާ ރިސޯޓުގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ.