English Edition
Dhivehi Edition

މިނިވަންކަޕް 2017 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭޓީ ސްޕޯޓްގެ އަބްދުއްﷲ ޝާފިއު(ޝައްޕެ)ހޯދައިފިއެވެ. މީގެ އިތުރުން މުޅި މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވަނީ ޝާއްޕެއަށެވެ.

މިނިވަންކަޕް 2017 ގައި ޝާއްޕެވަނީ އޭޓީ ސްޕޯޓްސް އަށް ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގެ ތަށި އޭޓީ އިން އުފުލާލިއިރު ޝާއްޕެ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ކުޅެފައެވެ. މި ގޮތުން ރޭގެ ފައިނަލް މެޗުގައި ޝާއްޕެވަނީ އޭޓީ އަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޓީމަށް ލިބުނު ކާމިޔާބީ އާއި މެދު ވާހަކަދައްކަމުން ޝާއްޕެ ބުނެފައިވަނީ މީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާކަމުގައެވެ.މިއަހަރުގެ މުބާރާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޝާއްޕެ ބުނެފައިވަނީ 2016 ވަނަ އަހަރުގެ މިނިވަންކަޕާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތް ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް ކަމުގައެވެ. މީގެ އިތުރުން މުބާރާތުގައި އިތުރަށް ރަގަޅު ކުރަންޖެހޭ ކަންތައްތައްވެސް ޝާއްޕެވަނީ ފާހަގަކޮށްފައެވެ.

ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށްދިޔަ މިނިވަންކަޕް2017 ގެ ނިމުމުގެ ރަސްމިއްޔާތުގައި މުބާރާތުން އެކިއެކި ވަނަތަކަށް އައި ފަރާތްތަކަށްވަނީ ތައްޓާއި، ޝީލްޑް އަދި ހަނދާނީ ލިޔުން ދީފައެވެ. ރޭގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހުޅުދޫ މީދޫ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނާޓާ އަލީ މުހައްމަދު އެވެ.

މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ފާތިހު(ފައްތޭ)އެވެ. އެންމެ މޮޅު ކީޕަރަކަށް މަންތަރަ އިގެ މިރްފާނު(މިރާ) ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސައުތު ބްލޫސްގެ ސާދުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އޭޓީގެ ކޯޗު މިރުސާން ހޮވިފައިވާއިރު ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މަލްޓި ޖީނިއަސް ސިޓީއެވެ. މި މުބާރާތުގައި ނަން މަޝްހޫރު މޮޅު ކުޅުންތެރިން ކުޅެފައިވާއިރު އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ

  • އަބްދުއްﷲ ޝާފިއު(ޝާއްޕެ) – އޭޓީ ސްޕޯޓްސް
  • ލިޔާއު (ލިޔާ) – މަންތަރަ އެފްސީ
  • ހުސެއިން ޝަރީފު(އޮންލީ) – އޭޓީ ސްޕޯޓްސް
  • ޝިފާއު(ރޮނާ) – މަންތަރަ އެފްސީ
  • އިބްރާހިމް މިރްފާނު(މިރާ) – މަންތަރަ އެފްސީ

މި މުބާރާތުގައި ފާއިތުވެ ދިޔަ އަހަރުތަކެކޭ އެއްފަދައިން އެންމެ ރަގަޅު ސަޕޯޓެއް ކުރި ފަރާތަށްވެސް ވަނީ ޝީލްޑް ދީފައެވެ. މި ގޮތުން މިއަހަރުގެ އެންމެ ރަގަޅު ސަޕޯޓަރަކަށް ހޮވިފައިވަނީ މަރްޔަމް ރަޒާނާއެވެ. މީގެ އިތުރުން މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހުޅުދޫ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު(ޝާޑު)އެވެ. މުބާރާތުގެ ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސްއެވެ. މުބާރާތުގައި ފަސްޓް އެއިޑް ދިވެހި ރެޑްކްރެސެންޓުން ފޯރުކޮށް ދީފައިވާއިރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.

މިނިވަން ކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ.