English Edition
Dhivehi Edition

2019 ވަނަ އަހަރުވެސް ޔޫޓިއުބުން އެންމެ ގިނަ ލާރި ދީފައިވަނީ ޢުމުރުން 8 އަހަރުގެ ރާޔަން ކާޖީ އަށެވެ. އޭނާއަކީ 2018 ވަނަ އަހަރުވެސް ޔޫޓީއުބްގެ އެއްވަނަ ސްޓަރ އެވެ. ދުނިޔޭގެ އެތައް ކުޑަކުދީންނެއްގެ ލޯބި ހޯދާފައިވާ ކުޑަ ކުޑަ ރާޔަން އަކީ މިއަދު މުއްސަނދި މަހުޖަނެކެވެ. ބިލިއަނަރެކެވެ.

ކުޅޭ ތަކެތި ހުޅުވާ ވީޑިއޯތައް ބަލަން ޚާއްސަ ޝައުގު ވެރިކަމެއް ހުންނަ ރާޔަން އޭނާގެ މަންމަ ގާތުން އެދުނީ އޭނާ އަމިއްލައަށް އެފަދަ ވީޑިއޯއެއް ކުޅެލުމަށެވެ. ރާޔަންގެ ޢުމުރުން އެންމެ 4 އަހަރުގައި މަންމަ ގެ އަމިއްލަ ފޯނުން ކޮށްލި ވީޑިއޯތައް ވެގެންދިޔައީ އެތައްބަޔަކު ފޫހި ކަމެއްނެތި ބެލި ވީޑިއޯތަކަކަށެވެ.

ރާޔަންސް ޓޯއި ރިވިއު ގެ ނަމުގައި ހެދި ޔޫޓިއުބް ޗެނަލްގައި ރާޔަން ދިޔައީ ޑައިނަސޯ ، ،ލެގޯ، ޑިޒްނީ ކެރެކްޓާ އަދި ސަޕްރައިޒް އެގްތަކާ ކުޅެމުން އެތަކެއްޗާއި ގުޅޭ ހުރިހާ ވާހަކައެއް ކިޔައިދެމުންނެވެ.

ރާޔަން ބުނާ ގޮތުން އޭނާއަކީ އެހެން ކުދިންގެ ފޫހި ފިލުވައިދޭ މަޖާ ކުއްޖެކެވެ. ތެދުވާހަކައެކެވެ. ވީޑިއޯތަކުން ފެންނަގޮތުގައި ސަކަ މިޒާޖެއް ހުރިނަމަވެސް ރާޔަން ވެފައިވަނީ ބަލާމީހުންނަށް އުފާވެރިކަން ގެނުވާފަދަ ޙަރަކާތްތަކެއް ދައްކުވައިދޭ ލޯބި ކުއްޖެއްގެ ގޮތުގައެވެ.

 

ވޯޓަރ ސްލައިޑެއްގެ އެކި ތަންތާ ފޮރުވާފަހުރި ޑިސްނީ ކާރާއި ޕޯޕެޓްރޯލް ޓޯއިސް ހިމެނޭ ޖަޔަންޓް ސަޕްރައިޒް އެގްތަކެއް ހޯދާ އޭނާގެ މި ވީޑިއޯ އެކަނިވެސް 1.6 ބިލިއަން މީހުން ބަލާފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 5 ވަރަކަށް މިނިޓްގެ ކުރު ވީޑިއޯއެއް ކުޅެގެން ރާޔަން މިވަނީ މުޅި ދުނިޔޭގެ މަޝްހޫރު ކަން ހޯދާފައެވެ. މުޅި ދުނިޔޭގެ އެންމެ އަގުބޮޑު ޔޫޓިއުބް ސްޓަރ ހަމަ އެ އަހަރުގެ ޖުލައި މަހު ޑިޒްނީ ޕިކްސާސް ކާ ސީރީސްގެ 100 ކުޅޭ އެތި ހުޅުވަމުން ނަގާފައިވާ ވީޑިއޯ ވަނީ 935 މިލިއަން މީހުން ބަލާފައެވެ. ވައިރަލް ވެގެން ދިޔަ އެ ވީޑިއޯއަށް ފަހު ރާޔަންގެ މަންމަ ވަނީ އޭނާގެ ކެމިސްޓްރީ ޓީޗަރުކަމުގެ ވަޒީފާ އިން ވަކިވެގެން ރާޔަންގެ ޗެނަލް ކުރިއެރުވުމަށް މަސައްކަތް ފަށާފައެވެ.

 

ރާޔަންގެ މަގްބޫލުކަން އެތައް ގުނައަކަށް ބޮޑުވެފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭ އެމެރިކާގެ މަޝްހޫރު ވިޔަފާރި ކުންފުނި ވޯލްމާޓުން “ރާޔަންސް ވޯލްޑް”ގެ ނަމުގައި ރާޔަންގެ ޚާއްސަ ޕްރޮޑަކްޓްތައް އުފައްދާ މާކެޓް ކުރަންފެށިއެވެ. ކިޑްސް އެންޓަޓެއިންމެންޓް ކުންފުންޏެއް ކަމަށްވާ ޕޮކެޓް ވޮޗްގެ އެހީތެރިކަމާއެކު އުފެދިގެންއައި ރާޔަންސްވޯލްޑް ބްރޭންޑްވެގެން ދިޔައީ މަލްޓި މިލިއަން ޑޮލަރުގެ ފައިދާ ބޮޑު ބްރޭންޑަކަށެވެ. ވޯލްމާޓް ގެ ހަރުގަނޑުތަކުން ފެންނަ ކޮންމެ އެއްޗެއް ރާޔަންގެ ފޮޓޯ ޖަހާލުމުން ވިކެންފަށަނީ އަންތަރީސްވާހާ ހަލުވިކޮށްނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން 22 މިލިއަން މީހުން ސަބްސްކްރައިބް ކޮށްގެން ބަލާ ޗެނަލަކަށް ރާޔަންސް ވޯލްޑް ވެ ރާޔަންއަށް އެތައް ބައެއްގެ ހުށަހެޅުންތައް އޮހެންފެށިއެވެ. ރާޔަންއަށް ޖެހުނީ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ނިކެލޯޑިއަން،ކޯލްގެޓް،ބޮންކާސް ޓޯއިސް،ރޮކޫ އަދި ވޯލްމާޓްގެ ސަބަބުން ޔޫޓިއުބަށް ވުރެ ވާ އުހަށް އުދުހިގަންނާށެވެ.

ރާޔަންސް ވޯލްޑް ގެ ކާމިޔާބު އުފެއްދުންތަކުގެ ތެރޭ ހިމެނޭ ރާޔަންސް ވޯލްޑް ޖަޔެންޓް މިސްޓްރީ އެގް ފަދަ އުފެއްދުން ތައް ޓާގެޓް، ވޯލްމާޓް، އެމެޒޯން ފަދަ ތަންތަނުން ގަންނަން ލިބެން ހުރެއެވެ.

ކުޑަކުޑަ ރާޔަންގެ އަމިއްލަ ރާގުގައި، ކުޅޭ އެއްޗެއްގެ މޮޅު ކަމުގެ ވާހަކަ ދައްކާލައިފި ނަމަ އެ އެއްޗެއް ވިކި ހުސްވަނީ ރޮކެޓް ސްޕީޑުގައި ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

 

ޔޫޓިއުބް ޗެނެލްގައި ރާޔަން އާއި ބެހޭ ގޮތުން ދީފައިވާ ކުރު ތަޢާރަފްގައިވާގޮތުން ކުޅުމާއި މަޖާ ކުރުމާއި ސައިންސް އެކްސްޕެރިމެންޓް ތަކާއި މިއުޒިކް ވީޑިއޯ،އަތްތެރި މަސައްކަތުގެ ހުނަރުތަކާއި ކުރެހުމާއި ކުޅިވަރުގެ ތަފާތު ހުނަރުތައް އެ ޗެނަލް މެދުވެރިކޮށް ފެނިގެންދާނެއެވެ. އަދި އޭގައި ވާ ވީޑިއޯތަކުގައި ރާޔަން ކުޅެން ގެންގުޅޭ ސާމާނުތައް އެހީދޭ ޗެރިޓީ ފަންޑްތަކަށް ހަދިޔާ ކުރާ ވާހަކަ ބުނެފައިވެއެވެ.

ރާޔަންގެ ޔޫޓިއުބް ޗެނެލާއެކު ވަނީ ރާޔަންސް ފެމެލީ ރިވިއު ގެ ނަމުގައި ވެސް އިތުރު ޗެނަލެއް އުފައްދާފައެވެ. އާއިލީ ވީޑިއޯ ތަކުގައި ދައްކައިދެނީ ރާޔަން އާއި،އޭނާގެ އެއްމާބަނޑު 2 އަންހެން ކޮއްކޮއިން ކަމަށްވާ އެމާ އާއި ކޭޓް ގެ އިތުރުން ރާޔަން ގެ މަންމަ އާއި ބައްޕަ އެވެ. އޭގައި ގެނެސްދެނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންތައްތަކާއި ޗުއްޓީ ދަތުރުތަކާއި އެކި އެކި ޙަރަކާތް ތަކާއި އިވެންޓްތަކާއި ރާޔަންސް ވޯލްޑް ޗެނެލްގެ ބެކްސްޓޭޖުން ބައެއް ޙާދިސާތަކެވެ.

އޭނާގެ އިތުރު ޗެނަލް ތަކުގެ ތެރޭގައި ރާޔަންސް ވޯލްޑް އެސްޕެނަލް،ރާޔަންސް ވޯލްޑް ޖަޕާން، އީކޭ ޑޫޑުލްސް،ވީޓިއުބާސް،ކޮންބޯޕެންޑާ،ގަސް ދަ ގަމީ ގޭޓާ،އަދި ދަ ސްޓޫޑިއޯ ސްޕޭސް ހިމެނެއެވެ.

2011 އޮކްޓޯބަރ 6 ގައި އުފަންވި ރާޔަންއަކީ ވިއެޓްނާމްމަންމައަކާއި ޖަޕާން ބައްޕަ އަކަށް ލިބުނު 3 ކުދިން ގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ.

RYAN’S MYSTERY PLAYDATE on NICKELODEON. Photo: Robert Voets / Nickelodeon. ©2019 Viacom, International, Inc. All Rights Reserved”

ރާޔަންގެ މަންމައާއި ބައްޕަ ޝިއޯން އާއި ލޯން ކާޖީ ގެ މިންނެތް މަސައްކަތާއެކު މިއަދު ރާޔަން ވެފައިވަނީ ކުޅޭ ސާމާނުތަކުގެ އިންޑަސްޓްރީގައި ނުފޫޒު ގަދަ ތަރިއެއްގެ ގޮތުގައެވެ.

100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ މި ކުޑަ ކުއްޖާއަށް ލޯއަޅާނެ ކިތައްމެ ބަޔަކު ތިބޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މިސަބަބާހެދި އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭކަމަށް ބުންޏަސް މި އާއިލާ ދިރިއުޅޭ ތަން އޮންނަނީ ވަންހަނާ ކޮށްފައެވެ.