މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީ ގެ މެމްބަރު އަލީ ނިޒާރު ފޯމު ހުށަހަޅުއްވަވައިފިއެވެ.
ނިޒާރު ވިދާޅުވީ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލާން ބޭނުންވީ އައްޑޫގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ރަނގަޅު ބަދަލެއް ގެނައުމުގެ މަގުޞަދުގައި ކަމަށެވެ. ހަމަ އެއާއެކު އައްޑޫއަށް އޮތީ ވަރަށް ބޮޑު އިހުމާލުކޮށްފައި ކަމަށާއި އެކަން ބަދަލުކޮށް އައްޑޫ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
” އައްޑޫ ސިޓީގެ ނިކަމެތި ހާލަތާއި ރައްޔިތުންގެ އުއްމީދުތައް ބޮޑުތަނުން އެނގިހުރެ މި މަސައްކަތަށް އަޅުގަޑު ކުރިމަތިލީ ތިޔަ ބޭފުޅުންނާއި ގުޅިގެން އައްޑޫއަށް އުފާވެރިކަމާއި ފާގަތިކަން ގެނެވިދާނެ ކަމުގެ ފުރިހަމަ އަޒުމާއި އުއްމީދުގައި. މަސައްކަތްކުރުން އޮތީ އަޅުގަޑުމެންގެ އަތްމަތީގައި. ތައުފީގު ދެއްވާނީ ﷲ ސުބުހާނަހޫ ވަތައާލާ. ނާއުއްމީދުވެ ވަޑައިނުގެން ކެންޑިޑޭޓް ނަމްބަރ 2 އަޅުގަޑު އަލީ ނިޒާރަށް ވޯޓު ދެއްވާ” ޕާޓީގެ ސެކްރެޓޭރިއަޓަށް މިއަދު ފޯމު ހަވާލު ކުރުމަށްފަހު ސޯޝަލް މީޑިއާގައި ނިޒާރު ވިދާޅުވެފައިވެއެވެ.
ނިޒާރު ފާހަގަ ކުރެވިފައިވަނީ ނިމިގެންދިޔަ ދައުރުގައި މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަވައި ރައްޔިތުންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވުމަށް އަޑު އުފުއްލެވި ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައެވެ. ނިޒާރުގެ މި ލީޑަރ ޝިޕް ފެނި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނިޒާރު އަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންނެވެ.
މީގެ ކުރިން “އޭއޯ ނިއުސް” އަށް ދެއްވެވި ބަސްދީ ގަތުމެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް އާ މޭޔަރެއް ގެނައުމަކީ ސިޓީގެ ގިނަ ރައްޔިތުން މިވަގުތު ބޭނުންވާ ގޮތް ކަމަށާއި އަދި އާ މޭޔަރެއް އައްޑޫ ސިޓީއަށް ބޭނުންވެގެން ވާހަކަ ދައްކާ ވަރަށްގިނަ ރައްޔިތުން ނިޒާރު އެބަތިބި ކަމަށެވެ.
ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް މިހާރުވެސް އައްޑޫގެ މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިގު(ސޯބެ) ވެސް ވާދަ ކުރައްވާނެއެވެ. ސޯބެ ވަނީ ތިން ފަހަރެއްގެ މަތިން އައްޑޫގެ މޭޔަރުކަން ކުރައްވާފައެވެ.