ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖިންސީ ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު އިންތިޚާބުގައި ވާދަކުރުކުމުގެ ފުރުސަތަށް ގޮވާލާ އެއްވުމެއް އައްޑޫސިޓީގެ މީދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއިން އަމިއްލަ ގޮތުން ވާދަކުރުމަށް މީގެ ކުރިން ކެމްޕެއިން ކުރަމުން ދިޔަ ސިޔާދު އަޙްމަދުގެ ފޭސް ބުކްގައެވެ.
މިގޮތުން ބާއްވާ މި އެއްވުމުގައި ބައިވެރިވުމަށް ވީހާ ގިނަބަޔަކު، ޖެނުއަރީ 3 ވަނަ ދުވަހުގެ ހަވީރު މީދޫ ބަނދަރު ކައިރިން އައުމަށް ސިޔާދުވަނީ ގޮވާލާފައެވެ.
ނިމިގެން ދިޔަ އިންތިޚާބުތަކުގައި މީދޫ އާއި މަރަދޫފޭދޫ އެއް ދާއިރާއެއްގެ ގޮތުގައި އޮތުމަށް ފަހު މިހާރު ވަނީ މީދޫ ދާއިރާއަށް ވަކި ގޮނޑިއެއް ލިބޭގޮތަށް ހަމަޖައްސާފައެވެ. މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އަންހެނުންނަށް%33 ގޮނޑިލިބޭގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުލުމުގައި މީދޫ ދާއިރާގެ ގޮނޑި ވަނީ އަންހެނުންނަށް އެކަނި ވާދަކުރެވޭ ގޮނޑިއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި މައްސަލައާއި ގުޅިގެން މީދޫގެ ގޮނޑިއަށް ވާދަކުރުމަށް ކެމްޕެއިން ކުރަމުން ދިޔަ ފިރިހެން ބޭފުޅުން ނާއި އެފަރާތްތަކަށް ސަޕޯޓު ކުރަމުން އައި ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ނިންމުން ބަދަލުނުކޮށްފި ނަމަ ސިޓީ އިން ވަކިވެ ރަށު ކައުންސިލެއް އުފެއްދުމަށް ޕެޓިޝަން ހަދާނެ ކަމުގައި ބުނެފައެވެ.
މި ވާހަކަތަކާއި ގުޅިގެން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ސިޓީން ވަކިވާން ބޭނުންނަމަ އެކަންވެސް ކުރަންޖެހޭ ކަމަށާއި މި ކަމުގައި ރައްޔިތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި އެއް ގޮނޑިއަށްވުރެ ގިނަ ގޮނޑިތައް ހުރި ދާއިރާތަކަށް އަންހެން ގޮނޑި ހަމަޖެއްސުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމުގައި މިހާރު އިލެކްޝަނަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ވާހަކަ ދެކެވިފައި އޮތީ އެ ގޮތަށް ކަމަށާއި މި ކަމުގައި ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް ވަކާލުތުކުރައްވާނެ ކަމުގައި ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޮޒައިނާ ވަނީ މި ކަމުގައި ރައްޔިތުން ކުރިއަށް ދާގޮތަކަށް ރައްޔިތުންނާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.