އަލަށް ލައިސަންސް ނަގާނަމަ ފުލުހުން ހިންގާ ތަމްރީނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މި ޓެސްޓް ހަދަން ޖެހޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވާ ފަރާތްތަކުގެ ތެރެއިން އަލަށް ލައިސަންސް ނަންގަވާ ފަރާތްތައް ކަމަށެވެ.
މިއަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ކުރައްވަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިކަން އިތުރުކޮށްފައިވާއިރު ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ މިކަމުގެ މަގުސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މި އަހަރު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިކަން ހިމެނޭއިރު ޓްރާންސްޕޯޓް މިނިސްޓަރ އިތުރަށް ވިދާޅުވީ ވެހިކަލްތަކުގައި ނަމްބަރު ޕްލޭޓް ޖެހުމަށްވެސް މި އަހަރު ނިންމާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން ގެއްލޭ ސައިކަލު ތަކާއި ވެހިކަލްތަށް ހޯދަން ފަސޭހަވެގެންދާނޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މުހިއްމު އިސްލާހުތަކެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.