ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މި ގައުމުގެ ހައްގަށްޓަކައި ޖާނާއި މާލުން ގުރުބާން ވެވަޑައިގަންނަވާ ލީޑަރެއް ކަމަށާއި ހަޔާތުގެ ހުރިހާ މައިދާން ތަކެއްގާ ނަތީއްޖާ ނެރެދެއްވާފައިވާ ލީޑަރެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރ ގާސިމް އަކީ ދިވެހި ގައުމު ފަޚުރުވެރިވާފަދަ ގައުމީ ޚިދުމަތްތަކެއް މި ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ލީޑަރޝިޕް ޢަމަލާއި ބަހުން ދައްކަވާފައިވާ ހަރުދަނާ ލީޑަރެއްކަން ނަހުލާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނަހުލާ ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްދެއްވީތީ ޖުމްހޫރީ ޕާޓީގެ އެންމެހާ މެމްބަރުންނަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާފައެވެ.
“މިއަދު ފެންނަ މަންޒަރަކީ މިންތީގެ ހަމަހަމަ ކަމަށް ޖުމްހޫރީ ޕާޓީން ދެއްވާ އަހަންމިއްޔަތުކަން. ޖުމްހޫރީ ޕާޓީގެ ތާރީހުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބުވެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ފެށުމަކީ، ގައުމީ މަސައްކަތަށް ނުކުތުމުގައި އަންހެނުންގެ ދައުރާއި އަންހެނުންގެ ފިކުރަކީވެސް މުހިންމު އެއްޗެއް ކަމުގައި ޕާޓީން ދެކޭ ކަމުގެ އަލިގަދަ ހެއްކެއް” ކަމަށް ނަހުލާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަދި ގައުމީ މުހިންމު ކަންކަމުގައިވެސް އަންހެނުންގެ ބައިވެރިވުމާއި އަންހެނުންގެ ބަހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް މިއަދު އަންހެންނަށް ހުރި ގޮންޖެހުންތައްވެސް ވަރަށް ގިނަ ކަމަށާއި މިއަދު މިހާހިސާބަށް އެކަމަނާއަށް އާދެވިފައި މިވަނީ ވަރަށްވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއިއެކުގައި ކަމަށެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ކޮންމެ ދަތިކަމެއް ﷲ ތަޢާލާގެ ރަހްމަތްފުޅާއިއެކު ތަނަވަސް ވެގެން ދަނީ އެއްބާރުލުން ދޭނެ އާއިލާއެއް ފަހަތުގައި ވާތީކަމަށެވެ. އަދި ކޮންމެ ކަމަކީ ވެސް ކުރެވޭނެކަމެއް ކަމުގެ ހިތްވަރު ދޭނެ ފިރިއަކު އަޅުގަނޑުގެ އެންމެ ގާތުގައި ވާތީކަމަށާއި ހަމައެގޮތުން އަންހެނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ގޮސް ކާމިޔާބާއި ހަމަޔަށް ހާސިލްވުމަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.