English Edition
Dhivehi Edition

ނިމިގެން ދިޔަ މިނިވަންކަޕް2017 ގައި ޖުމްލަ 10 ޓީމުން 120 ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 25 މެޗުވަނީ ކުޅެފައެވެ. އެހެންނަމަވެސް މިއަހަރުގެ މިނިވަންކަޕްގައި އެންމެ ގިނަ ބެލުންތެރިންނާއި މަޝްހޫރު ކުޅުންތެރިންގެ ތައުރީފު އޮހުނު ޓީމަކީ ހަމަ ޔަގީނުންވެސް ހުޅުދޫ ޔޫތެވެ.

މި މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ވާދަކުރުމަށްޓަކައި ނިކުތް ހުޅުދޫ ޔޫތަކީ މި މުބާރާތުގައި ވާދަކުރި އެންމެ ހަނގު ކުޅުންތެރިން ހިމެނޭ ޓީމެވެ. ހުޅުދޫ އަށް ނިސްބްތަވާ މި ޓީމަކީ މުބާރާތުގައި އެންމެ ގިނަ މީހުން ހައިރާންކޮށްލި މޮޅު ކުޅުމެއް ދެއްކި ޓީމެކެވެ. މުބާރާތުގައި ވަރުގަދަ މޮޅު ޓީމުތަކާއި ބައްދަލުކޮށް އެ ޓީމު ތަކުގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު މި ޓީމުން ވަނީ މުޅި މުބާރާތުގައި ޖުމްލަ 07 ލަނޑު ޖަހާފައެވެ. މުބާރާތުގައި ޖުމްލަ 04 މެޗު ކުޅެފައިވާއިރު މި ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމު އޭޓީ ސްޕޯޓްސް ކޮޅަށްވެސް 03 ލަނޑުޖަހާފައެވެ.

ހުޅުދޫ ޔޫތުގެ ހަމްދާން(ޑެމޯ) އާއި ލީވާން(ލީޕަޓު) ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް މިހާރުވެސް އަންނަނީ ފުރުސަތުތައް އޮހެމުންނެވެ. 2018 ގައި ބާއްވާ މިނިވަންކަޕަށް މިހާރުއްސުރެ ޓީމުތަކުން ތައްޔާރުވާން ފަށާފައިވާއިރު މި ދެ ކުޅުންތެރިން އެ ޓީމުތަކަށް ގެންދިއުމަށްޓަކައި މިހާރުވެސް ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ. “މިހާރުވެސް ޓީމަކުން ފުރުސަތެއް ލިބިފަ އޮތީ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން. ” ޑެމޯ (16 އަހަރު) ބުންޏެވެ.

ފާއިތުވެ ދިޔަ ދެ އަހަރުވެސް ހުޅުދޫ ޔޫތަށް ކުޅެފައިވާ މި ދެކުޅުންތެރިންވެސް އަދި އެ ޓީމު ދޫކޮށް އެހެން ޓީމަކަށް ދާ ހިޔާލެއް ނުކުރާކަމަށް ދެ މީހުންވެސް ވަނީ ބުނެފައެވެ. “ކިތެންމެ ބޮޑު އޮފާއެއް ލިބުނަސް ޓީމުގެ ހުރިހާ އެންމެންނާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނީ.އަންނަ އަހަރުގެ މުބާރާތުގައިވެސް ބޮޑަށް ގާތީ ހުޅުދޫ ޔޫތަށް ކުޅުން.” ލިބެމުންދާ ފުރުސަތުތަކަށް އަދި ވަކި ޖަވާބެއް ނުދޭ ކަމަށް ލީޕަޓު ވަނީ ބުނެފައެވެ.

މުޅި މުބާރާތް ކުރިއަށް ދިޔަ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަންނަ އަހަރު އެ ޓީމު ނިކުންނާނީ މޮޅުވާންކަމުގައި ދެ ކުޅުންތެރިންވެސް ވަނީ ބުނެފައެވެ. މުޅި މުބާރާތުގައި ވެސް އެންމެ ފާހަގަކުރެވޭ މޮޅު ކުޅުމެއް ކުޅެފައިވަނީ ޝާއްޕެ އާއި ލިޔާއު ކަމުގައި ޑެމޯ ބުންޏެވެ.

މިނިވަންކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ.. މިއަހަރުގެ މުބާރާތުގައި އަތޮޅުގެ އެހެން ރަށްތަކުން ބައިވެރިވެފައިވާ އިރު މިއަހަރުގެ ޗެމްޕިއަން ޓީމަކީ އޭޓީ ސްޕޯޓްސްއެވެ