އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަދެގަތުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވި އިލެކްޝަންސް އޮފީހަށް ވަނުމަށް ބަޔަކު މިއަދު މަސައްކަތް ކޮށްފައިވަނިކޮށްނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައްޔިތުންގެ ހިތުގައި ވޯޓާމެދު އިތުބާރު ގެއްލުވާލުމުގެ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވިޓަކާ ގުޅިގެން އިންތިޚާބުގެ ގާނޫނާ ޚިލާފަށް އެކި މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ޚިޔާލު ނުވަތަ ޝުއޫރު ފާޅުކުރަމުން ކަމަށެވެ. އޭގެ ބަދަލުގައި ވޯޓާ ގުޅޭ ގޮތުން އެއްވެސް ނުތަނަވަސް ކަމެއްވާނަމަ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް އެބައޮތްކަން އޭނާ ހަނދާން ކޮށްދެއްވިއެވެ. އެހެން ކަމުން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ކަންކަން ކުރުމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބު އޮބްޒާވް ކުރުމުގެ ގޮތްތަކެއް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ނޫސްވެރިންނަށްވެސް އެކަން ކުރެވެން އެބައޮތް ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ކިތަންމެ ކުޑަނަމަވެސް ގޯހެއް ހަދައިފިނަމަ އެކަން ފާހަގަ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ ވާހަކަ ދައްކާ މީހުން އެއާ ޚިލާފަށް އަމަލުކުރާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމަށެވެ. އެއީ ސަރުކާރުގެ އިތުރަށް މިނިވަން މުއައްސަސާތަކުގެ އަގު ވައްޓާލުމަށް އެފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހުރިހާ ކަމަކީ ގައުމުގެ ހަމަޖެހުން ނަގާލަން އިދިކޮޅު ފަރާތްތަކުން ކުރާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.