English Edition
Dhivehi Edition

7 މަސްތެރޭގައި 3 ބިލިއަން ވިއުސް ހޯދައިގެން، ޔޫޓިއުބުގައި މީހުން އެންމެ ގިނައިން ބެލި ވީޑިއޯގެ މަގާމު މަޝްހޫރު ލަވަ، ‘ޑެސްޕާސިތޯ’ ހޯދައިފި އެވެ.

ޑެސްޕާސިތޯ މި ލަޤަބު ހޯދީ، މީގެ ކުރިން 1 ވަނައިގައި އޮތް، ވިޒް ޚަލީފާއި ޗާލީ ޕޫތުގެ ސީޔޫ އެގެއިންގެ ރިކޯޑު މުގުރައިގެންނެވެ. ލުއިސް ފޮންސީއާއި ޑެޑީ ޔޭންކީގެ މި ސްޕެނިޝް ލަވައަކީ ބިލްބޯޑުގެ ޓޮޕުގައި 12 ހަފްތާ ހޭދަކޮށްފައިވާ ލަވައެކެވެ. އަދި މި ލަވައަކީ ބިލްބޯޑުގެ ޓޮޕުގައި ހިމެނުނު ފުރަތަމަ ސްޕެނިޝް ލަވައެވެ.

ވިޒް ޚަލީފާ އާއި ޗާލީ ޕޫތަށް، ޔޫޓިއުބުގައި މީހުން އެންމެ ގިނައިން ބެލި ލަވައިގެ ރިކޯޑު (2.996 ބިލިއަން ވިއުސް) ހިފެހެއްޓުނީ ކުޑަ ދުވަސް ކޮޅަކަށެވެ. މި ލަވަ 2012ގައި މަޝްހޫރުވި ގަންގްނަމް ސްޓައިލްގެ 2.920 ބިލިއަން ވިއުސްގެ ރިކޯޑު މުގުރައިލިތަނާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑެސްޕާސިތޯ އިން 3 ބިލިއަން ވިއުސް އާއި އެކު އެ ރިކޯޑު މުގުރި އެވެ. މިއާއި އެކު، ޑެސްޕާސިތޯ ވެގެންގޮސްފައިވަނީ ޔޫޓިއުބުގައި 3 ބިލިއަން ވިއުސް ލިބުނު ފުރަތަމަ ވީޑިއޯ ލަވައަށެވެ.

މިލަވައިގައި ބޮޑުބައެއް ކުޅުނު ޕުއެރްތޮ ރީކޯގެ މަޝްހޫރު ރެޕާރ، ޑެޑީ ޔެންކީ އިންސްޓަގުރާމުގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މިއުޒިކް އިންޑަސްޓްރީ ވަނީ ބަދަލުވެފައި ކަމަށެވެ. ” މިއުޒިކް އިންޑަސްޓްރީ ވަނީ ބަދަލުވެފައި. މިއުޒިކުގެ ގަވާއިދުތައް ވަނީ ބަދަލުވެފައި. އަދި ޔޫޓިއުބުގެ ޒިންމާވަނީ ބޮޑުވެފައި، އެކަން އަޅުގަނޑަށް އެނގޭ. ” ޑެޑީ ޔެންކީ ބުންޏެވެ. މީގެ އިތުރުން އޭނަ ބުނެފައިވަނީ ރިކޯޑެއް މުގުރުމަކީ އުފާވެރިކަމެއް ކަމަށެވެ. ” ރިކޯޑެއް މުގުރުމަކީ އުފާވާ ކަމެއް. އަހަރެން އުފާވަނީ އެހެންމީހުން އެކަން ކުރުމަށް ޝައުޤުވެރި ކުރުވަން ” ޑެޑީ ޔެންކީ ބުންޏެވެ.

ޖޫން މަހުގައި އޭނަގެ ވީޑިއޯ ވަނީ ޔޫޓިއުބުގައި އެންމެ ގިނައިން މީހުން ސްޓްރީމް ކުރި ވީޑިއޯގެ ރިކޯޑު ހަދާފައެވެ. އެއީ މުޅިއެކު 4.6 ބިލިއަން އަޑުއެހުމާއި އެކުއެވެ.

ކެނެޑާގެ މަޝްހޫރު ލަވަކިއުންތެރިޔާ، ޖަސްޓިން ބީބާ ވަނީ މިލަވައިގެ ރިމިކްސް އެއް ކުޅެފައެވެ. އޭނާގެ 4 ލަވަ ވަނީ ޔޫޓިއުބުގައި މީހުން އެންމެ ގިނައިން ބެލި ވީޑިއޯގެ ތެރޭގައި ތެރޭގައި ހިމެނިފައެވެ. އެއީ ކޮންމެ ލަވައަކަށްވެސް 1 ބިލިއަނަށް ވުރެ މަތިން ވިއުސް ލިބިގެންނެވެ.

މިހާރު ޔޫޓިއުބުގައި އެންމެ ގިނައިން ބަލާފައިވާ ވީޑިއޯތަކުގެ ތެރެއިން 1 ވަނައިގައި ވަނީ ޑެސްޕާސިތޯ ( 3.010 ބިލިއަން ވިއުސް ) އެވެ. 2 ވަނައިގައިވަނީ ސީޔޫ އެގެއިން ( 2.996 ބިލިއަން ވިއުސް )އެވެ. 3 ވަނައިގައި، 2.920 ބިލިއަން ވިއުސްއާއި އެކު، ވަނީ ގަންގްނަމް ސްޓައިލެވެ. 4 ވަނައިގައި ވަނީ ޖަސްޓިން ބީބާގެ ސޮރީ ( 2.696 ބިލިއަން ވިއުސް ) އެވެ. މިއިން ކޮންމެ ވީޑިއޯއަކަށްވެސް 2.5 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ޑެސްޕާސިތޯގެ މާނައަކީ ދިވެހި ބަހުން، ” މަޑު މަޑުން ” އެވެ.