English Edition
Dhivehi Edition
ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފު އަޙްމަދު ޝިމްހާޒު - ފޮޓޯ: ފޭސްބުކް

ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރު (169.62ރ.) ކަމަށް ބުނުމުން ވަޒީފާއިން ވަކިކުރި މުވައްޒަފު ކަމަށްވާ އަޙްމަދު ޝިމްހާޒު އިބްރާހިމް އަށް އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ހުށަހަޅައިފި އެވެ.

އެގޮތުން ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ އިސް ބޭފުޅެއް ކަމަށްވާ އަޙްމަދު ޒާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝިމްހާޒަށް ވަޒީފާ ދިނުމަކީ އެ ކުންފުންޏަށް ލިބޭނެ އުފަލެއް ކަމަށެވެ.

އަދި ވަޒީފާއަށް ޝައުޤުވެރިވާނަމަ، ޝިމްހާޒުގެ ވަނަވަރު ނުވަތަ ސީވީ އެ ކުންފުނީގެ އީމެއިލް [email protected] އަށް ފޮނުވައިދިނުމަށްވެސް ޒާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

ޒާހިދު ވިދާޅުވީ އެކުންފުނީގެ ސޭލްސް ޑިޕާޓްމަންޓުން ޝިމްހާޒަށް ވަޒީފާއެއް ދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށާއި، އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނިން ބާރުއަޅައި ހިތްވަރުދޭ ކަމެއް ކަމަށެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓުގައި ސެކިއުރިޓީ ގާޑެއްގެ މަސައްކަތް ކުރަމުންދިޔަ ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ.

އެގޮތުން އެހީއަށް އެދި ޓީމް އަށް ފޮނުވި މެސެޖުގައި ޝިމްހާޒު ބުނެފައި ވަނީ އޭނާ ހޮނޑާފުށީގައި ހުރީ ވަރަށް ހާލުގައި ކަމަށާއި، ވަގުތުން ވަގުތަށް އޭނާ ބޭރުކުރަން ރިސޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފަރުވާ ކުޑަ ކަމަށް ބުނެ އޭނާ ލައްވައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ސިޓީގައި ސޮއި ކުރުވަން އުޅުނު ކަމަށާއި، ނަމަވެސް އެ ސިޓީގައި އޭނާ ސޮއި ނުކުރާ ކަމަށްވެސް ޝިމްހާޒު ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝިމްހާޒުގެ މެސެޖުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް ދުރު ހިސާބެއްގެ މީހެއް ކަމުން، އޭނާއަށް ރިސޯޓު ކައިރި ރަށަކުން އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އޭނާގެ އެއްވެސް ކުށެއް ނެތި ރިސޯޓުން ކަނޑާލާފައިވާއިރު، ރިސޯޓުން މަނާކުރާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށްވެސް ޝިމްހާޒު ވަނި ބުނެފަ އެވެ.

އެކަމާއި ގުޅިގެން ޓީމް އިން ބުނީ އެ ޖަމިއްޔާގެ ފަރާތުން ޝިމްހާޒުގެ ކަންތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި، އޭނާއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދެމުން އަންނަ ކަމަށެވެ. އަދި ޓީމްގެ ފަރާތުން ޝިމްހާރަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދިނުމަށް ނިންމައި، އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.