English Edition
Dhivehi Edition
ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގެ މަންޒަރެއް - ފޮޓޯ: ޝެވަލް ބްލާންކް

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ނިމިގެންދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ.

“މޯލްޑިވްސް ސަރވިސް ޗާޖު” ވެބްސައިޓުން ކޮންމެ މަހަކުވެސް އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން އާންމުކުރި ޑިސެމްބަރު މަހުގެ ހިސާބުތައް ދައްކާގޮތުން ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި 1،903.28 އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އެއީ 29،348.58 ރުފިޔާ އެވެ.

ދެވަނަ އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައި ވަނީ ސެއިންޓް ރެގިސް ވޮއްމުލި ރިސޯޓުންނެވެ. އެއީ 948.67 ޑޮލަރު ނުވަތަ 14،628.49 ރުފިޔާ އެވެ. އަދި ތިންވަނަ އަށް އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީ ނޮވެމްބަރު މަހު ލިސްޓުގެ އެއްވަނައިގައި އޮތް ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެގޮތުން ޑިސެމްބަރު މަހު ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 931.84 ޑޮލަރު ނުވަތަ 14،368.97 ރުފިޔާ ބަހާފައެވެ.

އެ ލިސްޓުގައި ހަތަރުވަނައިގައި މިފަހަރު އޮތީ ސަރވިސް ޗާޖުގެ ގޮތުގައި 901 ޑޮލަރު ނުވަތަ 13،893.42 ރުފިޔާ ބެހި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ކަމަށްވާއިރު، ފަސް ވަނައިގައި އޮތީ 882.42 ޑޮލަރު ނުވަތަ 13،606.92 ރުފިޔާ ބެހި ޖުމެއިރާ ވިއްޓަވެލި އެވެ.

އަދި ލިސްޓުގެ ހަވަނައިގައި އޮތީ ލަކްސް ނޯތު މާލެ އެޓޯލް، އޮޅުހަލި އެވެ. އެ ރިސޯޓުން މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 877.50 ޑޮލަރު ނުވަތަ 13،531.05 ރުފިޔާ އެވެ. ހަތްވަނައިގައި އޮތް އަނަންތާރާ ކިހަވަށް ވިލާސް އިން މިދިޔަ މަހު 840.48 ޑޮލަރު ނުވަތަ 12،960.20 ސަރވިސް ޗާޖުގެ ގޮތުގައި ބެހިއިރު، އަށްވަނައިގައި އޮތް ވަން އެންޑް އޮންލީ ރީތި ރަށުން ދިނީ 822 ޑޮލަރު ނުވަތަ 12،675.24 ރުފިޔާ އެވެ.

މީގެ އިތުރުން ލިސްޓްގެ ނުވަ ވަނައިގައި މިފަހަރު އޮތީ 769 ޑޮލަރު ނުވަތަ 11،857.98 ރުފިޔާ ދިން ދުސިތު ތާނީ މޯލްޑިވްސް ރިސޯޓު ކަމަށްވާއިރު، 10 ވަނައިގައި އޮތީ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށޤ 760 ޑޮލަރު ނުވަތަ 11،719 ޑޮލަރު ބެހި ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާ މޯލްޑިވްސް އެވެ.

ރާއްޖޭގައި މިހާރު 150 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އަންނައިރު، މިދިޔަ މަހުވެސް ސަރވިސް ޗާޖުގެ މަޢުލޫމާތު ހާމަކޮށްފައި ވަނީ އެންމެ 75 ރިސޯޓުންނެވެ.

ރިސޯޓުތަކުން މުވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު ސަރވިސް ޗާޖެއް ނުދޭ މައްސަލަ މިފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ ހޫނުވެފަ އެވެ. އެގޮތުން ދާދިފަހުންވެސް ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިން މިންވަރު ހާމަކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި، ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ މުޒާހަރާކޮށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށްވެސް ގޮވާލައިފަ އެވެ.