English Edition
Dhivehi Edition
ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގެ މަންޒަރެއް - ފޮޓޯ: ޝެވަލް ބްލާންކް

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މިދިޔަ ފެބުރުވަރީ މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ.

“މޯލްޑިވްސް ސަރވިސް ޗާޖު” ވެބްސައިޓުން ކޮންމެ މަހަކުވެސް އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން އާންމުކުރި ފެބުރުވަރީ މަހުގެ ހިސާބުތައް ދައްކާގޮތުން ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި 1،558.26 އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އެއީ 24،028.37 ރުފިޔާ އެވެ.

ދެވަނަ އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައި ވަނީ ޖަނަވަރީ މަހު ލިސްޓުގެ އެއްވަނައިގައި އޮތް ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެގޮތުން ފެބުރުވަރީ މަހު ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 1،402.58 ޑޮލަރު ނުވަތަ 21،627.78 ރުފިޔާ ބަހާފައެވެ.

ލިސްޓުގެ ތިންވަނައިގައި މިފަހަރު އޮތީ ޖަނަވަރީ މަހުވެސް ތިންވަނައިގައި އޮތް ވަން އެންޑް އޮންލީ ރީތި ރަށެވެ. މިދިޔަ މަހު އެ ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ބެހީ 1،322 ޑޮލަރު ނުވަތަ 20،385.24 ރުފިޔާ އެވެ. އަދި ހަތަރު ވަނައިގައި އޮތް އަންނަތާރަ ކިހަވަށް ވިލާސް އިން ފެބުރުވަރީ މަހު ސަރވިސް ޗާޖުގެ ގޮތުގައި 1،300 ޑޮލަރު ނުވަތަ 20،046 ރުފިޔާ ބެހިއިރު، ފަސްވަނައިގައި އޮތް ޖުމެއިރާ ވިއްޓަވެލިން މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިނީ 1،276.97 ޑޮލަރު ނުވަތަ 19،690.88 ރުފިޔާ އެވެ.

އަދި ލިސްޓުގެ ހަވަނައިގައި އޮތީ ފޯ ސީޒަންސް ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 1،089.58 ޑޮލަރު ނުވަތަ 16،801.32 ރުފިޔާ އެވެ. ހަތްވަނައިގައި އޮތް ސެއިންޓް ރެގިސް ވޮއްމުލި ރިސޯޓުން މިދިޔަ މަހު 1،077.50 ޑޮލަރު ނުވަތަ 16،615.05 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ބެހިއިރު، އަށްވަނައިގައި އޮތް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ދިނީ 1،015 ޑޮލަރު ނުވަތަ 15،651.30 ރުފިޔާ އެވެ.

މީގެ އިތުރުން ލިސްޓްގެ ނުވަ ވަނައިގައި މިފަހަރު އޮތީ 1،003 ޑޮލަރު ނުވަތަ 15،466.26 ރުފިޔާ ދިން ކޮންސްޓަންސް ހަލަވެލި ރިސޯޓު ކަމަށްވާއިރު، 10 ވަނައިގައި އޮތީ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 976.26 ޑޮލަރު ނުވަތަ 15،053.93 ޑޮލަރު ބެހި ބަރޮސް މޯލްޑިވްސް އެވެ.

ރާއްޖޭގައި މިހާރު 150 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އަންނައިރު، މިދިޔަ މަހުވެސް ސަރވިސް ޗާޖުގެ މަޢުލޫމާތު ހާމަކޮށްފައި ވަނީ އެންމެ 62 ރިސޯޓުންނެވެ.

ރިސޯޓުތަކުން މުވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު ސަރވިސް ޗާޖެއް ނުދޭ މައްސަލަ މިފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ ހޫނުވެފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅެން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުން މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިމަމް ވޭޖް ބޯޑުގެ ރައީސާ، މަރިޔަމް ޚާލިދާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އަސަރު ކުރާނެތީ، މިއީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އެހެންނަމަވެސް މިނިމަން ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިހާރު ދިރާސާކުރަމުންދާއިރު، މި މަހުގެ 15ގެ ކުރިން އެކަމާއި ގުޅިގެން ކޮމިޓީން ގޮތެއް ނިންމާނެއެވެ.