English Edition
Dhivehi Edition

ހދ. ހޮނޑާފުށިން ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަންގައި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދިން 11 ޑޮލަރުގެ ވާހަކަ ފެންމަތި ކުރި ކަމުގެ ތުހުމަތުގައި އެރިސޯޓުގެ ސެކިއުރިޓީއެއްގެ މަޤާމުގައި ހުއްޓާ ވަޒީފާއިން ވަކިކޮށްފައިވާ އަހުމަދު ޝިމްހާޒް އަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފި އެވެ.

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޝިމްހާޒްއާ ބައްދަލުކޮށް އޭނާގެ ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޝިމްހާޒް ގެ މުސާރައަކީ 4،000 ރުފިޔާ ނަމަވެސް އޭނާ ރިސޯޓުން ވަކިކުރީ 5001 ރުފިޔާ ދީފާ ކަމަށް ޝިމްހާޒް ބުނެފައިވާ ށެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހު، ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުދީ ރިސޯޓުން ފޭބުމަށް އޭނާއަށް އެކަށީގެންވާ ވަގުތުވެސް ދީފައިނުވާ ކަން މިނިސްތަރ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، އެ ހުރިހާ ޝަކުވާތަކެއް ހުރުމުން، މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދޭން ނިންމަވާފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އެއާއެކު އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ މުޅިން ސާފުވާނީ ކަމާ ގުޅޭ މުއައްސަސާތަކުން އެކަން ބެލުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން އެ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅަން ޝިމްހާޒަށް ހިތްވަރު ދެއްވާފައި ކަމަށް ވެސް ވިދާޅުވި އެވެ.

ރިސޯޓުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެންމަތިކޮށްލީ، “ރިސޯޓް ބޮއީސް މޯލްޑިވްސް” ގެ ނަމުގައި ހިނގަމުން އަންނަ ފޭސްބުކް ޕޭޖްއަކުންނެވެ.

ސާވިސް ޗާޖުގެ މައްސަލާގައި ރިސޯޓު މުވައްޒަފުން ގެ ޝަކުވާތައް ވަރަށް ބޮޑު ވެފައި ވަނިކޮށް މި މައްސަލަ އިތުރަށް ގޯސްވީ މިނިސްޓަރ ޢަލީ ވަޙީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށާއި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށެވެ..

ނޫސްވެރިޔާ ވަނީ ސުވާލު ތަކުރާރުކޮށް ސާވިސް ޗާޖު ނުދޭ ވާހަކައަކީ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ބުނެފައެވެ. އެހެން ނަމަވެސް، އަލީ ވަހީދު ވިދާޅުވީ އެންމެ މީހަކު ދައްކާ ވާހަކައަކީ އެއީ ހުރިހާ އެންމެންގެ ވާހަކައެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ފޭކު އެކައުންޓުތަކުން ކަމަށެވެ.