ޤާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ސިރާޖު މިހެން ވިދާޅުވީ ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރު (169.62ރ.) ކަމަށް ބުނި މުވައްޒަފު ކަމަށްވާ އަޙްމަދު ޝިމްހާޒު އިބްރާހިމް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
މިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭ.
ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް. ހަމައަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ.
ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ. https://t.co/n93HKItE8c— Moosa Siraj (@MoosesSiraj) December 30, 2019
އެ ޓްވީޓްގައި ސިރާޖު ވިދާޅުވެފައި ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކުރެވެން ޖެހޭނެ ކަމަށެވެ.
“ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް. ހަމައަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ. ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ”، އެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވެއެވެ.
ސިރާޖު މިހެން ވިދާޅުވިއިރު، ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖު ދޭ މިންވަރު ކުޑަކަމުގެ ވާހަކަ ދެއްކެވި އެ ރިސޯޓުގެ ސެކިއުރިޓީ ގާޑެއްގެ މަޤާމުގައި ވަޒީފާކުރަމުން އައި ޝިމްހާޒު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ.