English Edition
Dhivehi Edition

އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ‘ހުކުރު އުފާ’ ގެ ނަމުގައި ދީނީ މަޢުލޫމާތު ދިނުމަށް ފެސްޓިވަލެއް ބާއްވަން ފަށައިފިއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:30 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށް އިސްލާމީ މަރުކަޒު މައިދާނުގައެވެ. މިފެސްޓިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ދީނީ މައުލޫމާތު ލިބޭ ކުޅިވަރުތަކާއި މަދަހަ އަދި ޤުރުއާން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ބޮޑެތި މީހުންނަށް ދީނީ ފޮތްތަކާއި މަޖައްލާތަކުގެ އިތުރުން ދީނީ މައުލޫމާތާއި ކައުންސިލިން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.އަދި ކޮންމެ ހުކުރު ދުވަހުގެރޭ އިސްލާމީ ޢިލްމުވެރިއަކު ދަރުސް ދެއްވާގޮތަށްވެސް ވަނީ ނިންމާފައެވެ.

މި ސިލްސިލާ ފެށުމުގެ ގޮތުން ރޭ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދަރުސް ދެއްވާފައެވެ. އަދި މި ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި، ކޮންމެ މަހަކު އެއްފަހަރު ޚާއްޞަ ގުރުއަތުލުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ނިންމާފައެވެ.