ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރު (169.62ރ.) ކަމަށް ބުނި މުވައްޒަފު ކަމަށްވާ އަޙްމަދު ޝިމްހާޒު އިބްރާހިމް ވަޒީފާއިން ވަކިކޮށްފި އެވެ.
ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ.
އެގޮތުން އެހީއަށް އެދި ޓީމް އަށް ފޮނުވި މެސެޖުގައި ޝިމްހާޒު ބުނެފައި ވަނީ އޭނާ ހޮނޑާފުށީގައި ހުރީ ވަރަށް ހާލުގައި ކަމަށާއި، ވަގުތުން ވަގުތަށް އޭނާ ބޭރުކުރަން ރިސޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފަރުވާ ކުޑަ ކަމަށް ބުނެ އޭނާ ލައްވައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ސިޓީގައި ސޮއި ކުރުވަން އުޅުނު ކަމަށާއި، ނަމަވެސް އެ ސިޓީގައި އޭނާ ސޮއި ނުކުރާ ކަމަށްވެސް ޝިމްހާޒު ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝިމްހާޒުގެ މެސެޖުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް ދުރު ހިސާބެއްގެ މީހެއް ކަމުން، އޭނާއަށް ރިސޯޓު ކައިރި ރަށަކުން އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އޭނާގެ އެއްވެސް ކުށެއް ނެތި ރިސޯޓުން ކަނޑާލާފައިވާއިރު، ރިސޯޓުން މަނާކުރާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.
ހޮނޑާފުށި އައިލެންޑް ރިސޯޓުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރަމުން އައި ޝިމްހާޒަކީ ތ. އަތޮޅަށް ނިސްބަތްވާ މީހެކެވެ.
އެކަމާއި ގުޅިގެން ޓީމް އިން ބުނީ އެ ޖަމިއްޔާގެ ފަރާތުން ޝިމްހާޒުގެ ކަންތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި، އޭނާއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދެމުން އަންނަ ކަމަށެވެ. އަދި ޓީމްގެ ފަރާތުން ޝިމްހާޒަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދިނުމަށް ނިންމައި، އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.