English Edition
Dhivehi Edition

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ މެރެތަން އައްޑޫގައި ބޭއްވުމަކީ އައްޑޫސިޓީގެ ރައްޔިތުންނަށް އަންނަ ބޮޑުއީދަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމުބާރާތް އިންތިޒާމްކުރާ ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ)އިން ބުނެފިއެވެ.

އެތަނުގެ ބާނީ އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް ވިދާޅުވީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ މުބާރާތް ކަމަށެވެ. އެ މުބާރާތް އައްޑޫގައި ބޭއްވުމަކީ އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ފަޚުރެއް ކަމަށާއި އެއީ ބޮޑުއީދެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަނާސް މޯލްޑިވްސްއާ ގުޅިގެން ބާއްވާ މިމުބާރާތް ބޭއްވުމަށް ވަރަށް އެކަށީގެންވާ މާހައުލެއް އައްޑޫގައި އެބައޮތް ކަމަށެވެ. އެކަމަށް އެންމެ އެކަށީގެންވާ ރީތި މަގުތައް އައްޑޫގައި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އައްޑޫސިޓީގެ ރީތި މަގުތަކުން ދުވެފައިދާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންނަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމުގެ އުންމީދުވެސް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އައްޑޫސިޓީގައިވަނީ ދެމިފައިވާ މަގުތަކެއް. ވަށައިގެންވަނީ ހެދިފައިވާ ނަލަ ގަސްތަކެއް. އެ މަގުތަކުން ދުވެފައިދާއުރު ވަށައިގެން ފެންނާނީ ހަމަހިމޭން މޫދުން ނަގާ ކުދިރާޅުތައް ގޮނޑުދޮށަށް ބީއްސާލާތަން. އެފަދަ މަންޒަރު ބަލަން ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ދެވަނަފަހަރަށްވެސް އައްޑޫއަށް އަންނާނެކަން ކަށަވަރު،” އޭނާ ބުންޏެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދުނިޔެއަށްވަނީ ހުޅުވައިލައިފައެވެ.

ނަސީރު ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ރާއްޖެއާއި އެކި ގައުމުތަކުން މިހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. އެފަދަ މީހުން އައްޑޫސިޓީފަދަ ރީތި ތަނަކަށްއައިސް އުޅޭއިރު އެކަންވާނީ އައްޑޫ ރައްޔިތުންނަށް ވަރަށްބޮޑު ކާނިވަލެއް ފަދަ ކަމަކަށްކަމަށް ބުންޏެވެ. ބޭރުގެ މަޝްރޫހު ދުވުންތެރިން އައްޑޫގެ މަގުތަކުގައި ދުވަމުންދާތަން އުފާވެރިކަމާއެކު ބަލައިލުމުގެ ފުރުސަތު ލިބުމަކީ އައްޑޫގެ ކޮންމެ ރައްޔިތަކަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

‘އީކުއޭޓާ އައްޑޫ ސިޓީ މެރަތަން’ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ހާފް މެރަތަނާއި ދިހަ ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ދުވުން ހިމަނާފައިވެއެވެ. އޭގެ އިތުރަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން ދެ ކިލޯމީޓަރު އަދި އެއް ކިލޯމީޓަރު ދުވުމެއް އޮންނާނެއެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ، ތިންވަނަ ހޮވާނެއެވެ. އަދި ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ދުވުންތެރިންނަށް ފައިސާގެ އިނާމްވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާ މީހަކަށްވަނީ 2500 ޑޮލަރު ހުށަހަޅައިފައެވެ. ދެވަނައަށް 1500 ޑޮލަރު ހުށަހަޅައިފައިވެއެވެ. ތިންވަނައަށް ހުށަހަޅައިފައިވަނީ 1000 ޑޮލަރެވެ. ހަތަރުވަނައަށް 500 ޑޮލަރެވެ. ފަސްވަނައަށ 250 ޑޮލަރެވެ. ހަވަނައިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް 100 ޑޮލަރު ލިބޭނެއެވެ.
ހާފް މެރަތަން (އަންހެން/ފިރިހެން) އެއްވަނަ އަށް ހުށަހަޅައިފައިވަނީ 500 ޑޮލަރެވެ. ދެވަނައަށް 400 ޑޮލަރެވެ. ތިންވަނައަށް 300 ޑޮލަރެވެ. ހަތަރުވަނައަށް 200 ޑޮލަރެވެ. ފަސްވަނައަށް 100 ޑޮލަރެވެ.

މެރަތަން (ދިވެހި ދުވުންތެރިން) އެއްވަނައަށް ވަނީ 500 ޑޮލަރެވެ. ދެވަނައަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ.