English Edition
Dhivehi Edition

ފެށޭއަހަރުގެ ފެބުއަރީ ދެވަނަ ދުވަހު އައްޑޫސިޓީގައި ބާއްވާ “އީކުއޭޓަރ އައްޑޫ ސިޓީ އިންޓަރނޭޝަނަލް މެރަތަން” ގައި މިހާތަނަށް ރާއްޖެއިން ބޭރުގެ 106 އެތުލީޓުން ބައިވެރިވެއްޖެއެވެ.

މުބާރާތުގައި އެތުލީޓުން ބައިވެރިވި ގައުމުތަކުގެ ތެރޭގައި ކެންޔާ، މޮރޮކޯ، ޔޫކޭ، ލަންކާ އިންޑިއާ، މެލޭޝިއާ، ޔޫގަންޑާ، ޖަޕާން ފަދަގައުތައް ހިމެނޭކަމަށް މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަސީރު އިސްމާއީލް ބުންޏެވެ. މީގެ ތެރެއިން އެންމެ ގިނަމީހުން ބައިވެރިވެފައިވަނީ ކެންޔާއިންނެވެ. އެގައުމުން 40 މީހުންވަނީ ބައިވެރިވެފައެވެ.

މިއީ ފައިސާގެ އިނާމްވެސް ލިބޭ ޚާއްސަ މުބާރާތެކެވެ. މެރަތަންގެ އޯޕަން ކެޓެގަރީން އެއްވަނައަށް ދާ މީހަކަވަނީ 5000 ޑޮލަރު ހުށަހަޅައިފައެވެ. ދެވަނައަށް 3000 ޑޮލަރެވެ. ތިންވަނައަށް 2000 ޑޮލަރެވެ. ހަތަރުވަނައަށްވަނީ 500 ޑޮލަރު ހުށަހަޅައިފައެވެ. ފަސްވަނައަށް ހުށަހަޅައިފައިވަނީ 250 ޑޮލަރެވެ. ހަވަނައިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ މީހަކަށް 100 ޑޮލަރު ލިބޭނެއެވެ.

ނަސީރު ވިދާޅުވީ ފުލް މެރަތަން އޯޕަން ކެޓެގަރީ ފަންސަތީރީސް އަހަރުން މަތީގެ މީހުންގެ ބައިން އެއްވަނައަށް އިނާމަކަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ.

ހާފް މެރެތަން އޯޕަން ކެޓެގަރީން އެއްވަނައަށްދާ މީހަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅައިފައިވަނީ 1000 ޑޮލަރެވެ. ދެވަނައަށް 800 ޑޮލަރެވެ. ތިންވަނައަށް 600 ޑޮލަރެވެ.

ދިހަ ކިލޯމީޓަރު އޯޕަން ކެޓެގަރީން އެއްވަނައަށް ހުށަހަޅައިފައިވަނީ 700 ޑޮލަރެވެ. ދެވަނައަށް 500 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ. ފަސް ކިލޯމީޓަރު ކެޓެގަރީގެ ބައިން އެއްވަނައަށް 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ. ހަތަރުވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް 50 ޑޮލަރު ލިބޭނެއެވެ. ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީން އެއްވަނައަށް ހުށަހަޅައިފައިވަނީ 500 ޑޮލަރެވެ. ދެވަނައަށް 300 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ.

ފަސް ކިލޯމީޓަރު ހިނގުމާއި ދުވުން (ވެޓެރަންސް ކެޓަގަރީ) ގައި ބައިވެރިވާ 50 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ދެވަނައަށް 200 ޑޮލަރެވެ. ތިންވަނައަށް 100 ޑޮލަރެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާނީ މެރެތަންއެވެ.