English Edition
Dhivehi Edition

އަންނަ ފެބުރުއަރީ ދެވަނަ ދުވަހު އައްޑޫސިޓީގައި ފެށުމަށް ހަމަޖެހިފައިވާ “ވައިޕީއޭ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަން” ގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 15 އަށް ހަމަވާނެއެވެ.

މި އިވެންޓް އިންތިޒާމްކުރާ ޔޫތޫ ޕްރޮގްރޭޝަން އޮފް އައްޑޫ އިން މައުލޫމާތު ދިންގޮތުގައި ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ކުރިއަށްއޮތް ނުވަވަރަކަށް ދުވަސްތެރޭގައި ރަޖިސްޓްރީކޮށް ނިންމަންޖެހެއެވެ. އެއަށްފަހު އެއްވެސް ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ވައިޕީއޭ އިން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމާއި ފީބަލައިގަތުމުގެ އިންތިޒާމް ވަނީ މަރަދޫ ހަބްރޫޓު ފިހާރައާއި، ހިތަދޫ ސީޝެލް ރެސްޓޯރެންޓްގައި ހަމަޖެހިފައެވެ. އޮންލައިންކޮށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.

މި ދުވުމުގައި މިހާތަނަށް ޖުމްލަ 1300 އެއްހާ މީހުންވަނީ ބައިވެރިވެފައެވެ. އިންތިޒާމްކުރާ ފަރާތުން ބޭނުންވަނީ އެ އަދަދު 1500 އަށް އިތުރު ކުރުމަށެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ، ތިންވަނައާއި، ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ދުވުންތެރިންނަށް ފައިސާގެ އިނާމްވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާ މީހަކަށްވަނީ 2500 ޑޮލަރު ހުށަހަޅައިފައެވެ. ދެވަނައަށް 1500 ޑޮލަރު ހުށަހަޅައިފައިވެއެވެ. ތިންވަނައަށް ހުށަހަޅައިފައިވަނީ 1000 ޑޮލަރެވެ. ހަތަރުވަނައަށް 500 ޑޮލަރެވެ. ފަސްވަނައަށ 250 ޑޮލަރެވެ. ހަވަނައިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް 100 ޑޮލަރު ލިބޭނެއެވެ.

ހާފް މެރަތަން (އަންހެން/ފިރިހެން) އެއްވަނަ އަށް ހުށަހަޅައިފައިވަނީ 500 ޑޮލަރެވެ. ދެވަނައަށް 400 ޑޮލަރެވެ. ތިންވަނައަށް 300 ޑޮލަރެވެ. ހަތަރުވަނައަށް 200 ޑޮލަރެވެ. ފަސްވަނައަށް 100 ޑޮލަރެވެ.
މެރަތަން (ދިވެހި ދުވުންތެރިން) އެއްވަނައަށް ވަނީ 500 ޑޮލަރެވެ. ދެވަނައަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ.

1 ކޮމެންޓް
Raymond Roughley
ސެޕްޓެމްބަރު 5, 2022
Where are you located?